ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ޗެލްސީގެ ޗެކް ރިޕަބްލިކް ގޯލްކީޕަރު ޕީޓާ ޗެކް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ޗެލްސީއިން ފާއިތުވި ތިން ސީޒަނުގައި ލޯނުގެ ދަށުން އެތުލެޓިކޯއަށް ފޮނުވާލި ބެލްޖިއަމް ގޯލްކީޕަރު ތިބޯޓް ކޯޓުވާ އެނބުރި ޗެލްސީއަށް އައުމާއެކު، ޗެކްއަށް ވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިވެފަ އެވެ. ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ޗެކްގެ ބަދަލުގައި އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބޭނުންކުރީ ކޯޓުވާ އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ޗެކް ހޯދުމަށް ޕީއެސްޖީއިން ރަސްމީކޮށް އަގެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕީއެސްޖީގެ ވާދަވެރި މޮނާކޯއިން ވެސް އޭނާ ހޯދުމަށް މަސައްކަތްކުރެ އެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ ކުޅުނު ދެ މެޗުގައި އެ ޓީމުގެ ގޯލުން ފެނިފައިވަނީ އިޓަލީ ކީޕަރު ސަލްވަޓޯ ސިރިގޫ އެވެ. މިވަގުތު އެ ކްލަބުގައި ހުރި އެންމެ ތަޖުރިބާކާރު ކީޕަރަކީ އުމުރުން 27 އަހަރުގެ ސިރިގޫ އެވެ.

ދާއިމީ ގޮތެއްގައި ޗެކް ގެނައުމުގެ ވިސްނުމެއްގައި ހުރި މޮނާކޯއިން ވެސް މިހާރު ވަނީ އޭނާ ނުލިބިއްޖެ ހާލަތެއްގައި ލޯނުގެ ދަށުން ފުލަމްގެ ނެދަލޭންޑްސް ގޯލްކީޕަރު މާޓެން ސްޓެކެލެންބާގް ގެނެސްފަ އެވެ. ސްޓެކެލެންބާގްގެ ލޯނު އެއްބަސްވުން ހަމަވާނީ މިހާރު ފެށިގެން ކުރިއަށްދާ ސީޒަން ނިމުމުންނެވެ.

ފްރާންސްގެ ވަރުގަދަ ދެ ކްލަބުން ޗެކް ހޯދުމުގެ މަސައްކަތްކުރާ އިރު، ދާދި ފަހުން މޮރީނިއޯ ބުނެފައި ވަނީ އުމުރުން 32 އަހަރުގެ ގޯލްކީޕަރު ޗެކް އެ ކްލަބު ދޫކޮށް ނުދާނެ ކަމަށެވެ.

ފްރާންސްގެ ރެނޭސްއިން 2004 ވަނަ އަހަރު 8.7 މިލިއަން ޔޫރޯގެ އަގަކަށް ޗެލްސީއާ ގުޅުމަށް ފަހު، މިހާތަނަށް ޗެކް ވަނީ އެ ކްލަބަށް 479 މެޗު ކުޅެފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތައްޓަކާއި، ޔޫރޮޕާ ލީގު ތައްޓަކާއި، ޕްރިމިއާ ލީގުގެ ތިން ތައްޓާއި، ހަތަރު އެފްއޭ ކަޕުގެ އިތުރުން ތިން ލީގު ކަޕް ހޯދައިފަ އެވެ.