20 Aug 2014, 13:38
ޗެމްޕިއަންސް ލީގު ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އިނގިރޭސި ކްލަބު އާސެނަލުން ތުރުކީގެ ބެސިކްޓާސް ހިފަހައްޓައިފި އެވެ.
ބެސިކްޓާސްގެ އޮނޯނޫ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ހަމަޖެހިލައިގެން ކުޅެވުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފު އަދި ދެވަނަ ހާފުގައި ވެސް ބެސިކްޓާސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ ދޫކޮށް ބެސިޓާސްއާ ގުޅުނު ފޯވާޑް ޑެމްބަ ބާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ އެއްވަނަ މިނެޓްގައާއި ނުވަ ވަނަ މިނެޓްގައި ބާ އުފެއްދި ހަމަލާ، އާސެނަލްގެ ގޯލް ކީޕަރު ވޮޖްސިއެޗް ސްޖެސްނީ ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ބެސިކްޓާސްގެ އޮލްކޭ ސަހާންއަށް ލަނޑެއް ކާމިޔާބުކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އާސެނަލްގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، އޭނާ އުފެއްދި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން މިކެލް އާޓެޓާއަށް އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހުނު އިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އާރޮން ރަމްސީއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފަ އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، އޭނާއަށް ދެއްކި ރަތް ކާޑާ ގުޅިގެން އާސެނަލްގެ މެދުތެރެއިން ގިނަ މައްސަލަތަކެއް ފެނިގެންދިޔަ އެވެ.
ޕްލޭއޯފްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އެތުލެޓިކޯ ބިލްބާއޯ އަތުން ނަޕޯލީ ވަނީ ސަލާމަތްވެފަ އެވެ. ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބިލްބާއޯއިންނެވެ. މެޗުގެ 41 ވަނަ މިނެޓްގައި އިކާ މުނިއަން ކާމިޔާބުކުރި ލަނޑާއެކު ބިލްބާއޯއިން ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ގޮންޒާލޯ ހިގުއައިން ވަނީ ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
އެފްސީ ކޯޕަން ހޭގަންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ލެވަކޫސަން އަތުން ވަނީ ބަލިވެފަ އެވެ. ލެވަކޫސަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސްޓެފަން ކްލެބްލިންގާއި، ކަރީމް ބެލަރަބީއާއި، ސޮން ހިޔުންގް މިން އެވެ. އަދި ކޯޕަންހޭގަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެތިއަސް ޒަންކާ ޖޯޖްސަން އާއި ޑަނިއެލް އަމާޓޭ އެވެ. މެޗުގައި ފެނުނު ފަސް ލަނޑެއް ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.
ކުޑޮގޮރެޓްސް ރަޒްގްރޭޑް އަތުން އަމިއްލަ ދަނޑުގައި ސްޓީޔުއާ ބުކުރެސްޓީ ވަނީ 1-0 ލަނޑުން މޮޅުވެފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ބުކުރެސްޓީއަށް ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޫ ޗިފްކިއު އެވެ. އެސްވީ ސަލްޒްބާގްގެ އަމިއްލަ ދަނޑުގައި މަލްމޯ އެފްއެފް އަތުން މޮޅުވީ 2-1 ލަނޑުންނެވެ. ސަލްޒްބާގްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފްރޭންޒް ޝީމާ އާއި ޖަނަތަން އެވެ. އަދި މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގައި މަލްމޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގެވެ.