20 Aug 2014, 13:22
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ތެރެއަށް ވާރޭ ވެހޭތީ އެ ހޮސްޕިޓަލުތެރޭގައި ބާލިދީ ބަހައްޓަން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ، އެއީ ކުރިން ވެސް އެ ހޮސްޕިޓަލަށް ދިމާވަމުން އަންނަ މައްސަލަ އެއް ކަމަށެވެ.
އަދި ވާރޭ ވެހޭތީ އައިޖީއެމްއެޗުގައި ބާލިދީ ބަހައްޓާފައި ވަނީ ތިރީބައިގެ ވޯޑުތަކާއި ލޭބާ ރޫމް ހުންނަ ހިސާބު ތަކުގައި ކަމަށް ޒީނަތު ވިދާޅުވި އެވެ. އޭގެ އިތުރުން މަތީ ބުރީގައި ބައެއް ހިސާބުތަކުގައި ވެސް ބާލިދީ ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނާތު ވިދާޅުވީ، ވާރެ ވެހޭނީ އެ ހޮސްޕިޓަލު ރިނޮވޭޓު ކުރަމުންދާ ހިސާބުތަކުން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗު ތެރޭގައި ވާރޭ ވެހޭތީ ބާލިދީ ބަހައްޓާފައިވާއިރު، އެ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން މިހާރު ވަނީ އާ އިމާރާތެއްގެ މަސައްކަތް ފަށައިފައެވެ. އެ އިމާރާތް ނިމުމުން ގިނަ މައްސަލަތަކަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.