މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުﷲ ހޯދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ފުޅާކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު މިއަދު ބަލަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީގަައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ރިޟްވާން ހޯދުމުގެ މަސައްކަތުގައި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުން ގެންދާ ކަމަށެވެ.

އުމަރު ވިދާޅުވީ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ސިފައިން ފެށީ ފުލުހުން އެދިގެން ކަމަށެވެ. ނަމަވެސް ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފެށީ ތަހުގީގު ވަކި މިސްރާބަކަށް ގޮސްގެންނޭ ވިދާޅުވެދެއްވެން ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިޟުވާން ހޯދުމަށް ފުލުހުން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ސިފައިންގެ ޑައިވަރުންނާއި ފުލުހުންގެ ޑައިވަރުން ގުޅިގެން ހުޅުމާލޭ ކައިރީ ނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިފެންސް މިނިސްްޓްރީން އެހީވަނީ ފުލުހުންގެ ސާޗް އޮޕަރޭޝަންތަކުގައި، އެގޮތުން ސިފައިންނާއި ފުލުހުންގެ ޑައިވަރުން މިއަދު ކަނޑުގެ ސަރަހައްދު ބެލުމަށް ހަރަކާތްތެރިވާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރިޟުވާން ހޯދުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ވަރަށް ގިނަ ތަންތަން އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަދު ވެސް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޟުވާލް ގެއްލިގެން އާއިލާ އިން މިމަހުގެ 13 ވަނަ ދުވަހު ގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރިފަހުން ފުލުހުން ހުޅުމާލެ އާއި މާލޭގެ ގިނަ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ރިޟުވާނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ފުލުހުންގެ އެމެޖެންސީ ނަމްބަރު 119 ނުވަތަ ހޮޓްލައިން ނަމްބަރު 3322111 އަށް މޯބައިލް ނަމްބަރު 9888999 އަށް ގުޅައި އެމައުލޫމާތެެއް ހިއްސާ ކުރުމަށް ވެސް ހޯމް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ރިޟުވާން ގެއްލިގެން އާއިލާއިން ރިޕޯޓް ކުރިފަހުން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އޭނާ މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލް އިން ޓިކެޓް ގަނެގެން ޓާމިނަލުން އެތެރެއަށްދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްއެއް އާއްމުވެފައިވި ނަމަވެސް އޭނާ ހުޅުމާލެ އަށް ގޮސްފައިވާކަން ޔަގީން ކުރެވިފައިނުވާ ކަމަށް ފުލުހުން މިހާތަނަށް ވަނީ ބުނެފަ އެވެ.