20 Aug 2014, 12:52
ގަލޮޅު ދަނޑުކައިރީގައި ހުންނަ، ގ. ހީނާމާގޭގައި މަޖީދީމަގަށް ވާގޮތަށް ހުރި ބިޔަ "އިޕިލިޕިލި" ގަހެއްގެ ގޮފިގަނޑެއް އިރައިގެން ގޮސް ވެއްޓި އަންހެނެއްގެ ގައިގައި ޖެހި އެ މީހާއަށް އަނިޔާ ވެއްޖެ އެވެ.

ހީނާމާގޭގައި ހުރި ގަހެއްގެ ގޮފިގަނޑު އިރައިގެން ގޮސްފައި --- ސަން ފޮޓޯ: އަހުމަދު ޝަރުވާން
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދު 12:10 ކަންހާއިރު ވައި ބާރުވުމުގެ ސަބަބުން، ހީނާމާގޭ ގޯތިތެރޭގައި ހުރި ގަހުގެ ގޮފިގަނޑެއް އިރައިގެން ގޮސް އަންހެނެއް ގެގައިގަ ޖެހި ގެއްލުން ވުމުގެ ސަބަބުން އެމީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްއާއި ނުގުޅޭތީ އޭނާގެ ހާލަތު ވަނީ ކަށަވަރު ނުކުރެވިފައެވެ.
ސަންގެ ނޫސްވެރިން އެސަރަހައްދަށް ގޮސް ބެލިއިރު އެ ބޮޑު ގޮނފިގަޑު ވެއްޓިފައި ވަނީ މަޖީދީމަގު ހުރަސްވާގޮތަށެވެ. އޭގެ ސަބަބުން މަގުގެ އެ ސަރަހައްދު ވަނީ ބްލޮކް ވެފައެވެ.

ހީނާމާގޭގައި ހުރި ގޮފިގަނޑެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެފައި --- ސަން ފޮޓޯ: އަހުމަދު ޝަރުވާން
ގޮފިގަނޑުން ޖެހުމުގެ ސަބަބުން އެހިސާބުގައި ޕާކުކޮށްފައި ހުރި ހަތަރު ސައިކަލަކަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެސަރަހައްދުގައި ހުރި ފިހާރައަކަށްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެއެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފްއާއި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.