ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ސަރުކަރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ޖަލްސާ މެދުކަނޑާލައިފި އެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހުގެމައުމަށް އާންމު ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން އިސްލާހު ހުށަހަޅުއްވަމުން ދަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އަޑުގަދަކޮށް، މަޖިލީސް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފަ އެވެ. އެގޮތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ޖަމީލުގެ ކުރިފުޅު މައްޗަށް އަރުވައްވައި ވާހަދެއްކެވުމަށް ހުރަސްއަޅުއްވާފަ އެވެ.

އެމްޑީޕީގެ މެމްބަރުން ހަމަނުޖެހުން ހިންގައި، މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ޖަލްސާ މެދުކަނޑުއްވާލައްވައިފަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ކޮމެޓީން ފާސްކޮށްފައި ވަނީ މަޖިލީހަށް ބިލެއް ހުށަހެޅިއްޖެ ނަމަ ބަހުސް ކުރުމަކާއި ނުލައި އެބިލެއް ބަލައިގަތުމަށް ވޯޓަށް އަހަން ޖެހޭ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ. ނަމަވެސް އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގަންނާތީ، ބިލް ބަލައިގަތުމަށް ވޯޓަށް އެހުމުގެ ކުރިން ކޮންމެ ޕާޓީއަކަށް ބަހުސްކުރުމަށް ފަސް މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް އޭނާ މިއަދު އިސްލާހު ހުށަހަޅާފައިވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނެސްފި ނަމަ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަޑު އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.