މާލޭ ޖަލުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން ގައިދީއަކު ފިހިއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް ސެންޓަރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ 10:00 އެހާކަންހާއިރު ހިނގި ހާދިސާގައި ފިހުނު ތިން ގައިދީންގެ ތެރެއިން އަތާއި ފަޔާ ތަންކޮޅެއް ބޮޑަށް ފިހުނު ގައިދީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އަނެއް ދެ ގައިދީއަށް މެޑިކަލް ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އެ ހާދިސާ ހިނގީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ.

"ރަނގަޅު ގައިދީންގެ ތެރެއިން ރިހިބިލިޓޭޓް ކުރާ ގައިދީން ލައްވައި މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓް ޝޯޓެއް ވެގެން އެ ހާދިސާ ހިނގީ،" ކަރެކްޝަނަލް ސާވިސް ސެންޓަރުގެ އޮފިޝަލު ވިދާޅުވި އެވެ.