އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އެ ހުކުމް ކޮށްފައިވަނީ ހދ. ހިރިމަރަދޫ، ދޫރެސް، އިބްރާހީމް ޝިޔާމް އަލީ،31، ގެ މައްޗަށެވެ.

އިބްރާހީމް ޝިޔާމް ޢަލީގެ މައްޗަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، އޭނާ 2011 މެއި 10 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ ޢަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

އިބްރާހީމް ޝިޔާމް ޢަލީގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދައުވާ އަށް އިބްރާހީމް ޝިޔާމް އަލީ އިންކާރު ކުރި ނަމަވެސް ދައުލަތުން ޝަރީއަތަށް ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލައި އިބްރާހީމް ޝިޔާމް އަލީގެ މައްޗަށް ކޮށްފައިވާ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަ ކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އިބްރާހީމް ޝިޔާމް އަލީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކޯޓުން ވަނި ހުކުމް ކޮށްފައެވެ.