20 Aug 2014, 11:48
އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުން އަންނަ ކޮލަންބިޔާގެ ވިންގާ ޖުއާން ކުއަޑްރާޑޯ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނެޓައިޑަށް ބަދަލު ނުވާނެކަމަށް ފިއޮރެންޓީނާގެ ކޯޗު ވިޗެންޒޯ މޮންޓެލާ ބުނެފި އެވެ.
ކުއަޑްރާޑޯ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ސްޕެއިންގެ ބާސެލޯނާއިން ވެސް މަސައްކަތްކުރަމުން ދާކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މޮންޓެލާ ގަބޫލުކުރާ ގޮތުގައި އުމުރުން 26 އަހަރުގެ ކުއަޑްރާޑޯ، މި ސީޒަން ނިމެންދެން އެ ޓީމުގައި މަޑުކުރާނެ އެވެ. މޮންޓެލާ ބުނެފައި ވަނީ ކުއަޑްރާޑޯ އަކީ އޭނާ ކުޅޭ ކޮންމެ ޓީމެއްގެވެސް މެދުތެރޭގައި ކޮންމެ ޕޮޒިޝަނަކަށް ވެސް ކުޅުމުގެ ގާބިލްކަން ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ.
ކުއަޑްރާޑޯ އަކީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކޮލަންބިއާ ގަދަ އަށަކަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އަދި އޭނާ ވަނީ، މިދިޔަ ސީޒަންގައި ފިއޮރެންޓީނާއަށް 43 މެޗު ކުޅެ 15 ގޯލް ޖަހައިދީފައެވެ.
ކުއަޑްރާޑޯ ފިއޮރެންޓީނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.