20 Aug 2014, 11:30
މާލޭގައި ކުޑަކުދިންނަށް ހަދާފައި ހުރި ޕާކުތަކުގައި މާލޭ ސިޓީ ކައުންސިލުން ރެސްޓޯރަންޓުތަކެއް ހަދާފައިވާ ކަމަށާއި، އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޣަފޫރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެފަދަ ތަންތަން ނަގަންޖެހޭ ކަމަށެވެ.
"އަޅުނގަޑުމެންނަށް ފެނިއްޖެ މާލޭގައި ވެސް ކުޑަކުދިން ބޭނުން ކުރަން ހަދާފައި ހުރި ޕާކުތަކުގައި ރެސްޓޯރެންޓްތަކާއި އެއްޗެހި ހުޅުވައިގެން ދިޔަ މަންޒަރު. މިއީކީ ކުރެވޭނެ ކަންތައްތަކެއް ނޫން. މިހާރު ވެސް އެ ތަންތަން ނަގަންވީ އިނގޭތޯ. އިޖްތިމާއީ ބޭނުންތަކަށް މާލޭގައި ހަދާފައި ހުރި ޕާކްތަކުގައި ރެސްޓޯރެންޓެއް ނެހެދޭނެ. އެއީ އެކަން އޮންނަންޖެހޭނެ ގޮތް،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ކައުންސިލުތަކުން ގޯސްކޮށް ކަންތައް ކޮށްފައި އެބަހުރި ކަމަށާއި އެފަދަ ކައުންސިލްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް، ނިމިދިޔަ މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރައްދުތަކުގައި ހުރި ޕާކުތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން އެތަންތަނުގައި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަން ހަދާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އެ ބިންތައް ހަވާލުކުރި އެއްބަސްވުމާ މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައި ވާތީ ސިޓީ ކައުންސިލްގެ ދަށުން އެތަންތަން ވަކިކޮށް ސަރުކާރަށް ނަގައިފަ އެވެ.