އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ މީޑީއާތައް އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ ޓެލެތޯން"އަށް އިތުރަށް ލިބޭނެ ކަމަށް ޔަގީންވެފައިވާ ފައިސާއާ އެކު ފަންޑުގެ ޖުމްލަ 28.8 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ޣައްޒާ ޓެލެތޯންގެ ސްޕޯކްސް ޕާސަން އަހުމަދު ޒާހިރު (ހިރިގާ) މިއަދު ސަން އަށް ވިދާޅުވީ ޓެލެތޯނަށް ބޮޑު އަދަދުތައް ހުށަހަޅާފައިވާ ފަރާތްތަކުން ނުލިބި ހުރި ފައިސާގެ ތެރެއިން އިއްޔެ އެކަނި ވެސް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން ލިބޭނެ ކަމަށް ބެލެވޭ ފައިސާގެ ތެރެއިން މިހާރު ނުލިބި ހުރީ 400،000 ވަރަކަށް ރުފިޔާ ކަމަށް ހިރިގާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އެ ހަތަރު ލައްކަ ރުފިޔާ އިން މިއަދު ވެސް ބައެއް ފަންޑަށް ޖަމާވެގެންދާނެ،" ހިރިގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ ފައިސާއާ އެކު 28.4 މިލިއަން ނަގުދު ރުފިޔާ (1.84 މިލިއަން ޑޮލަރު) މިހާތަނަށް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ޢައްޒާ އަށް ފޮނުވުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އެގޮތުން އެ ފައިސާ ފޮނުވުމާ ގުޅޭ ގޮތުން ގަތަރުގެ ރެޑް ކުރެސެންޓާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި އެ ފައިސާ ފޮނުވުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ލިބުނު ފައިސާ ޑޮލަރަށް ބަދަލު ކުރުމަށް ވެސް ގިނަ މަަސައްކަތްތަކެއް ކުރަމުން." ސަން އޮންލައިންގެ ޗީފް އެޑިޓަރުކަން ވެސް ކުރައްވާ ހިރިގާ ވިދާޅުވި އެވެ.

މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް ކުރި އަށް ގެންދިޔަ 36 ގަޑި އިރުގެ ޓެލެތޯން ނިންމާލި އިރު ގާޒާ ފަންޑް މޯލްޑިވްސްގެ ހަ މިލިއަން ރުފިޔާ އާ އެކު ފަންޑަށް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 20.7 މިލިއަން ރުފިޔާ އެވެ.

ޣައްޒާ އަށް އެހީ ހޯދުމަށް ހިލޭ ސާބަހަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް މީގެ ކުރިން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ނުލިބޭހާ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި ޣައްޒާ ފަންޑަށް ހަދިޔާ ކުރި ފައިސާތައް އެއްކުރުމުގެ މަސައްކަތުގައި ބީއެމްއެލްގެ 100 އަށް ވުރެ ގިނަ މުވައްޒަފުން 21 ގަޑިއިރު ނުނިދައި ހޭލާ ތިބެގެން ހިލޭ ސާބަހަށް މަސައްކަތްކޮށްފައިވާ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ.