އައްޑޫ ސިޓީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައި ފެށޭނެ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫ ސިޓީގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އަދި އެކަމުގެ ތަފްސީލް އަވަސް ފުރުސަތެއްގައި ހާމަ ކުރައްވާނެ ކަަމަށެވެ.

"އައްޑޫ ސިޓީގެ ފެނުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އިރާދަ ކުރެއްވިއްޔާ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭގައި ފެށޭނެ. އަދި ހަމަ އެގޮތަށް އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ އޭގެ ޑީޓޭލް ވަރަށް އަވަހަށް އަޅުގަނޑުމެން ހާމަކުރާނަން." ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމިވަނީ އެ މަސައްކަތް ކުރުމަށް 2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ހަވާލުކުރި އިނގިރޭސީ ވިލާތުގެ ބައިވޯޓާ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުގެ ސަބަބުންނެވެ. އެގޮތުން ދިވެހި ސަރުކާރާއި ބައިވޯޓާ ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެ މަސައްކަތަކީ ދެ ފަރާތް ހިއްސާވެގެން ކުރަން ޖެހޭ މަސައްކަތެއް ކަަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތަށް މުޅި ޖުމްލާ ކަނދައެޅިފައިވާ އަގަކީ 42 މިލިޔަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ދިވެހި ސަރުކާރުން ހަރަދު ކުރަން ޖެހޭ 15 މިލިޔަން ޑޮލަރު ދިވެހި ސަރުކާރުން ހަރަދުކުރި ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ހުއްޓި އެއްބަސްވުން އުވާލެވުނީ ބައިވޯޓާ ކުންފުނިން ހަރަދުކުރަން ޖެހޭ 27 މިލިޔަން ޑޮލަރު ހަރަދު ނުކުމުގެ ސަބަބުން ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބައިވޯޓާ ކުންފުންޏާ ހަވާލުކޮށްފައި އެ މަސައްކަތް ސާވިސް އެގްރިމެންޓެއްގެ ދަށުން އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރި ކަމަށެވެ. އެކަމުގެ ސަބަބުން ވެސް އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ލަސްވެގެން ދިޔަ ކަމަށް ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މުޅި އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށައި އަދި އައްޑޫގެ ފެނާއި ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުވެގެންދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ.