20 Aug 2014, 10:15
ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމަށްވާ ދިވެހި އާޓް ފިލްމް "އިންސާނާ"ގެ ޕްރޮމޯޝަނަލް ލަވަ އާއި ޕޯސްޓަރު ލޯންޗްކޮށްފި އެވެ.
ސަލްސާ ރޯޔަލްގައި އެ ކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިލްމްގެ ޕޯސްޓަރާއި ލަވަ ލޯންޗްކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަދި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެ ރަސްމިއްޔާތުގައި ފިލްމުގެ ކުރު ޓްރެއިލާއެއް ވެސް ވަނީ ދައްކާލައިފަ އެވެ.

20 އޮގަސްޓް 2014: ދިވެހި ފިލްމް އިންސާނާގެ އުފެއްދުމުގެ މަސައްކަތުގައި ބ. ތުޅާދޫގައި -- ފޮޓޯ އިންސާނާ އެފްބީޕޭޖް
އިނގިރޭސި ވާހަކައެއް އަސްލަކަށް ބަލައިގެން އިނާ އަލީ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް، އުފައްދާފައިވާ މި ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ބުނި ގޮތުގައި މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެކެވެ. އަދި މުޅި ފިލްމްގައި ވެސް ފެނިގެންދާނީ މީހަކު މަރާލުމަށް ފަހު ގާތިލް ސަލާމަތްވާންވެގެން އޭނާ ކުރާ މަަސައްކަތްތަތް ކަމަށް ސީޒަން ބުންޏެވެ.

20 އޮގަސްޓް 2014: ދިވެހި ފިލްމް އިންސާނާގެ ޕޯސްޓަރު އަދި ލަވަ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ސީޒަން މީޑިޔާއާ ވާހަކަދައްކަނީ -- ފޮޓޯ އިންސާނާ އެފްބީޕޭޖް
ބިރުވެރިކަމާއި ވައިލަންސްގެ މައްޗަށް މުޅި ފިލްމް ބިނާވެފައި ވާއިރު މިއީ ވަރަށް ވެސް ތަފާތު އަދި މިހާތަނަށް ސީޒަނަލް މޫވީސްގެ އުފެއްދުމެއްގައި އެންމެ ބުރަ އެއް އުފެއްދުން ކަމުގައި ވެސް އޭނާ ބުންޏެވެ. ސީޒަން ބުނީ މުޅި ފިލްގެ ބަޖެޓަކީ ދެ ލައްކަ ވިހާސް ރުފިޔާ ކަމަށެވެ.
"މި ފިލްމުގައި ބިރުވެރިކަަމާއި ވައިލަންސް ވަރަށް ބޮޑަށް ފެނިގެންދާނެ، އަދި މުޖުތަމައުގައި ހިނގާ އެފަަދަ ކަންކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފައްދާނެ،" ސީޒަން ބުންޏެވެ.

20 އޮގަސްޓް 2014: ދިވެހި ފިލްމް އިންސާނާގެ އުފެއްދުމުގެ މަސައްކަތުގައި ބ. ތުޅާދޫގައި -- ފޮޓޯ އިންސާނާ އެފްބީޕޭޖް
ފިލްމުގެ ތަރީންގެ ގޮތުގައި އަލީ ސީޒަންގެ އިތުރުން އައިޝަތު ރިސްމީ އާއި ފާތުމަތު ފަރީލާ އަދި އަހުމަދު ސައީދު ހިމެނެ އެވެ. ރިސްމީ ވަނީ ސީޒަންއާ އެކު އެ ފިލްމު ޑައިރެކްޓް ކުރުމުގައި ވެސް މަސައްކަތްކޮށްފަ އެވެ.
ބ. އޭދަފުށްޓާއި ކ. ތުލުސްދޫގައި ފިލްމްގެ މަންޒަރުތައް ނަގާފައިވާއިރު ފިލްމްގެ ބޮޑު ބައެއް ނަގާފައިވަނީ އޭދަފުށީގެ ގެެއެއްގެ ތެެރޭގައެވެ.

20 އޮގަސްޓް 2014: ދިވެހި ފިލްމް އިންސާނާގެ އުފެއްދުމުގެ މަސައްކަތުގައި ބ. ތުޅާދޫގައި -- ފޮޓޯ އިންސާނާ އެފްބީޕޭޖް
އިންސާނާ، މި ފިލްމަކީ އެއް ގަޑިއިރުގެ ފިލްމެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ގައި އޮލިމްޕަހުގައެވެ. ފިލްމުގެ ހަތަރު ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ޓިކެޓްގެ އަގަކީ 40 ރުފިޔާ އެވެ. އަންނަ މަހުގެ އެކަކުން ފެށިން ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާނެ އެވެ.