20 Aug 2014, 09:57
ގާހިރާ (އޮގަސްޓް 21) : އެމެރިކާގެ މިސޫރީ ސްޓޭޓްގެ ފާގަސަން ސިޓީގައި ހަމަހަމަކަމާއި އިންސާފަށް ގޮވާލައި ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތަކަށް އިހްތިރާމްކޮށް ރައްޔިތުންގެ އަޑުއެހުމަށް މިސްރުން އެމެރިކާ ސަރުކާރަށް ގޮވާލައިފި އެވެ.
މިސްރުގެ ޚާރިޖިއްޔާގެ ތަރްޖަމާން ބަދްރު އަބްދުލްޢާތީ ވިދާޅުވީ ފަގަސަން ސިޓީގައި ހަމަހަމަކަމާއި އިންސާފަށް ގޮވާލައި އެސިޓީގެ ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތަކާ ދެކޮޅަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން މުޢާމަލާތް ކުރަމުން ގެންދާގޮތާ މެދު މިސްރު ސަރުކާރުން ކަންބޮޑުވާ ކަމުގަ އެވެ. މިގޮތުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ މިންގަނޑުތަކާ އެއްގޮތަށް އެމެރިކާގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އަމަލުތައް ބެހެއްޓުމަށް އެމެރިކާ ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށް މިސްރުގެ ޚާރިޖިއްޔާގެ ތަރްޖަމާން ވިދާޅުވި އެވެ. ފަގަސަން ސިޓީގައި ސުލްޙަވެރިކަމާއެކު އެމެރިކާގެ ރައްޔިތުން ކުރަމުންގެންދާ މުޒާރާތަކާ ދެކޮޅަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން އަމަލުކުރަމުންގެންދާ ގޮތް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް ވެސް މިސްރުގެ ޚާރިޖިއްޔާއިން ބުނެ އެވެ.
އެމެރިކާ މިސޫރީ ސްޓޭޓްގެ ފާގަސަން ސިޓީގައި އެތައް ހާސްބަޔަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ކުރަމުންގެންދަނީ އެސްޓޭޓްގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ އެއްވެސް ސަބަބަކާނުލައި ކަޅު ނަސްލުގެ ޒުވާނަކު މަރާލުމާ ގުޅިގެންނެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކެކޭ އެއްގޮތަށް މިސޫރީ ސްޓޭޓްގައި ވެސް ބައިމަދު ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ބޭއިންސާފާއި ތަފާތު ކުރުމާއި ނަސްލީ އިމްތިޔާޒުގެ އުސޫލުން މުއާމަލާތް ކުރުން ޢާންމުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ނަސްލީ ތަފާތުކުރުން އޮތުމުގެ އިތުރުން ހަމަހަމަ ފުރްސަތުތަކުން ކަޅުނަސްލުގެ މީހުންނާއި އެނޫން ވެސް ބައިމަދު ނަސްލުތަކުގެ މީހުން މަހްރޫމް ކުރުމާއި ދޮންމީހުން ފިޔަވައި އެހެން ނަސްލުތަކުގެ މީހުންނާ މެދު އިންސާފުން ކަންތައްތައް ނުކުރާކަމުގެ ޝަކުވާތައް އެފަރާތްތަކުން ކުރަމުން ގެންދިޔަ ނަވެސް އެމެރިކާގެ މުއައްސަސާތަކުން މިކަމަށް ޙައްލެއް ނުލިބޭކަމަށްވެ އެވެ.
ނަސްލީ ތަފާތު ކުރުމާއި ބޭއިންސާފުގެ ސަބަބުން އެމެރިކާގެ ގިނަ ސިޓީތަކުގައި ބައިމަދު ނަސްލުތަކުގެ މީހުން އެމީހުންގެ މަދަނީ ހައްގުތަކަށް ގޮވާލައި މަގުތަކަށް ނުކުމެ އުތުރި އަރަން ފަށާފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސް މި ރިޕޯޓްތައް ބުނެ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވެސް ވަނީ ފާގަސަން ގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވާކަން ހާމަކުރައްވައި ނަފްސު ކޮންޓްރޯލްކޮށް އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހިފެހެއްޓުމަށް އެމެރިކާއަށް ގޮވާލާފަ އެވެ.
ލެޓިން އެމެރިކާގެ ދެގައުމު ކަމަށްވާ އިކުއެޑޯއާއި ވެނެޒުއެލާއިން ވެސް ވަނީ ފާގަސަން ސިޓީގައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ ސަލާމަތީ ބާރުތައް ހަރުކަށިކޮށް އަމަލު ކުރަމުން ގެންދާތީ އެމެރިކާ ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ. (ނޫސްއެޖެންސީތައް)