20 Aug 2014, 09:54
މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ހުޅުނގު މޫސުމުގެ ވިއްސާރައިގެ އަސަރު ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރާނާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މި ވިއްސާރައިގައި މެދު ރާއްޖެ ތެެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އާދަޔާ ހިލާފަށް ވިއްސާރަވެ، ގެއްލުންތަކެއް ވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރެއިން ފެށިގެން ކުރަމުން މިދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ހުޅަގާއި ހުޅަގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި މި ވިއްސާރައިގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.