ޕްރޮވިޑެންޓް ފަންޑުން ފައިސާ ލިބެން ޖެހޭ 2000 އަށް ވުރެ ގިނަ މީހުން މުއްދަތު ހަމަވިއިރު ވެސް ފޯމު ހުށަހަޅާފައި ނުވާތީ ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އިތުރުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕްރޮވިޑެންޓް ފަންޑުން ފައިސާ ހޯދުމަށް ފޯމު ހުށަހަޅަން ޖެހޭ މުއްދަތު ޑިސެމްބަރު 31، 2010 ގައި ހަމަވި އިރު، 16000 އަށް ވުރެ ގިނަ މީހުންނަށް އެ ފަންޑުން 293 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރީ 2،000 އަށްވުރެ ގިނަ މީހުން އަދިވެސް ފައިސާ ނެގުމަށް ފޯމު ހުށަހަޅާފައި ނުވާތީ އެ މީހުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގައި ހިމެނޭ 400 މިލިއަން ރުފިޔާ ހިއްސާ ގަތުމަށް، ނުވަތަ އިންވެސްޓް ކުރުމަށް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ.
ނަމަވެސް މިމަހުގެ 31 ވަނަ ދުވަހުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމަށާއި، އަދި އިތުރު ފުރުސަތެއް ހުޅުވައި ނުލެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.