19:00


ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ މެމްބަރަކަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން ވެއްޖެ އެވެ.


ނޫސްވެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާގެ މެމްބަރަކަށްވުމަށް އެމްޖޭއޭ އިން ކުރިމަތިލުމުން، އެކަން ގަބޫލުކޮށް އައިއެފްޖޭ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ އައިއެފްޖޭގެ އޭޝިއާ ޕެސިފިކް އޮފީހާ ގުޅިގެން މަސައްކަތް ކުރުމަށާއި ރާއްޖޭގެ މީޑިއާގެ ހައްގުތަކާ ބެހޭ މައްސަލަތައް ރިޕޯޓްކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.


ރާއްޖޭގެ ހުރިހާ މީޑިއާތަކުން 80 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެފައިވާ އެމްޖޭއޭ، އައިއެފްޖޭގެ މެމްބަރަކަށް މިވީ އެމްޖޭއޭ އަށް އެއް އަހަރު ފުރުމުގެ އެއް ދުވަސް ކުރިންނެވެ.


އޭޝިއާ ޕެސިފިކް ސަރަހައްދުގެ 26 ޖަމާއަތެއް ބައިވެރިވާ އައިއެފްޖޭގައި ރާއްޖޭގެ އެމްޖޭއޭ ބައިވެރިވުމުން އެ ނެޓްވާކުގައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެއް ހިމެނުނީކަން ފާހަގަކޮށް އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިއެފްޖޭގެ ސިޓީގައި ބުނެފައިވެ އެވެ.


މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަންގެ ރައީސް ހިރިގާ އަހުމަދު ޒާހިރު މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.


އައިއެފްޖޭ އެންމެ ފުރަތަމަ އުފެދިފައި ވަނީ 1926 ވަނަ އަހަރެވެ. އެއަށް ފަހު 1946 ގައި ދެ ވަނަ ފަހަރަށް އުފެދި އަދި މިހާރު އޮތް ގޮތަށް އެ ޖަމިއްޔާ އުފެދިފައިވަނީ 1952 ވަނަ އަހަރެވެ. މިހާރު އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި 100 އަށް ވުރެ ގިނަ ގައުމުގެ ހަ ލައްކަ އަށްވުރެ ގިނަ ނޫސްވެރިން އެބަ ތިއްބެވެ. އައިއެފްޖޭއަކީ ނޫސްވެރިންގެ ހައްގުތަކަށްޓަކައި އދ.ގެ ނިޒާމުގެ ތެރެއިންނާއި އިންޓަނޭޝަނަލް ޓްރޭޑް ޔޫނިއަންގެ ތެރެއިން ވަކާލާތުކުރާ ޖަމިއްޔާއެކެވެ.