ޣައްޒާ (އޮގަސްޓް 20): ރޭ ދަންވަރު އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކާއެކު ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހަމަލާތައް އަލުން ބަދަލުކުރަން ފަށައިފި އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ބުނީ، ފަލަސްތީނުގެ ގަޑިން ރޭ މެންދަމު 12 ގެކުރިން އިސްރާއީލުން ޣައްޒާގެ ތިން ސަރަހައްދަކަށް ވައިގެ ހަމަލާތަކެއް ދީ ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށް އެތަށް ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމުގައެވެ. އިސްރާއީލުން މި ހަމަލާތައް ދިނީ ހަމަލާތައް މެދުކަނޑާލުމަށް ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެ ގަޑިއިރު ކުރިން ކަމަށާއި ހަމަލާތަކުގެ ރައްދުގައި އެ ޖަމާއަތުންވެސް އިސްރާއީލަށް ގިނައަދަދެއްގެ ރޮކެޓް ހަމަލާތައް ދިން ކަމަށް ހަމާސް އިން ބުނެއެވެ.

އިސްރާއީލުން ވަނީ އެ ގައުމުގެ އަސްކަރީ ޖެޓްތަކުން ޣައްޒާއަށް ހަމަލާދިނީ ޣައްޒާގެ ތެރެއިން އައި ރޮކެޓެއްގެ ބަދަލުގައި ކަމަށްބުނެ އިސްރާއީލުގެ ހަމަލާތައް ދިފާޢުކޮށްފައެވެ.

އިސްރާއީލުން ޣައްޒާގެ ތިން ސަރަހައްދަކަށް ހަމަލާދީ އުދުވާން ހިންގަންފެށީ 24 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެ ގަޑިއެއްހާ އިރު ކުރިން ކަމަށް އިސްލާމިކް ޖިހާދު ޖަމާއަތުން ވެސް ވަނީ ބުނެފައެވެ.

އުދުވާން އަލުން ފެށުމުގެ ގޮތުން ރޭ ދަންވަރު އިސްރާއީލުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާއާއި އިރުމަތީގެ ޒައިތޫނާ އަވަށާއި ރަފްހު ސިޓީ ހިމެނެއެވެ. މި އުދުވާނުގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ތިން މީހުންގެ ތެރޭގައި ހިމެނީ ކިރުބޯ އުމުރުގެ ތުއްތު ކުއްޖަކާއި އަންހެނެއްގެ އިތުރުން ފިރިހެނެއް ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވިއެވެ.

އިސްރާއީލުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނާގޮތުން ރޭ ދަންވަރު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދިންފަހުން ހަމާސްގެ 20 ރޮކެޓެއް އިސްރާއީލުގެ ޓެލްއަވީވް އާއި ބިއްރުއްސަބްއު އާ ދެމެދުގައިވާ ސަރަހައްދުތަކަށް ވަނީ އަރާފައެވެ. ހަމާސްގެ ރޮކެޓްތަކުގެ ތެރޭގައި ހިމެނޭ ޖީ 80 މަރުކާގެ ރޮކެޓެއް އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ޑޭވިޑް ބެންގޯރިޔަން އެއަރޕޯޓާ ވަރަށް ކައިރީ ހިސާބަކަށް އަރާފައިވާ ކަމަށާ ހަމާސްގެ ރޮކެޓް ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ގިނައަދަދެއްގެ ވިލެޖްތަކާއި ރަށްތަކުގައި ސައިރަން އަޅައި ބިމުއަޑީގައިވާ ހިޔާވަހިތަކަށް މީހުން ވަނުމުގެ އިންޒާރުތައް ދީފައިވާކަމަށްވެސް އިސްރާއީލުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނެއެވެ.

އަނެއްކޮޅުން ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާބެހޭގޮތުން ފަލަސްތީނާއި އިސްރާއީލާ ދެމެދު ގާހިރާގައި ކުރިޔަށްދިޔަ ވާހަކަތައްވެސް މިހާރު ވަނީ ރޫޅިފައެވެ. މިވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުގެ ވެރިޔާ އައްޒާމް އަލްއަހްމަދު ވިދާޅުވީ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުކޮށްލީ އިސްރާއީލުން ގަސްދުގައި ކަމަށާއި ފަލަސްތީނުން އެންމެފަހުން ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް އިސްރާއީލުން ރައްދު ދީފައި ނުވާ ކަމުގައެވެ. އަދި މި ވާހަކަތަކުގައި ބައިވެރިވި އިސްރާއީލުގެ ވަފްދުގެ މެންބަރުން އަވަސް އަރުވާލައިގެން ރޭ އެނބުރި އިސްރާއީލަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭ ދަންވަރު އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކާއެކު އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދުންނާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ފަށާފައި މިވަނީ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާބެހޭގޮތުން ދެ ފަރާތުގެ މެދުގައި ގާހިރާގައި ކުރިޔަށްދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހިގެން ހަމަލާތައް މެދުކަނޑާލުމަށް އެތަށްފަހަރަކު އެއްބަސްވުމަށް ފަހުގައެވެ.

ގާހިރާގައި ކުރިޔަށްދިޔަ ވާހަކަތައް ނާކާމިޔާބުވީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލައި ޣައްޒާގެ ރައްޔިތުންނަށް މިނިވަންކަން ދިނުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.

އިސްރާއީލުން ޣައްޒާ އަޅުވެތިކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނަސް ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލަންދެން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާނެ ކަމަށާ ޣައްޒާގެ ރައްޔިތުންނަށް މި ނޫންގޮތެއް ނެތްކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

މިދިޔަ ޖުލައިމަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނާއި ގަތުލުއާންމުތަކުގައި ފަލަސްތީނުގެ 2020 މީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ ފަލަސްތީނުގެ އާންމުންނެވެ.

އިސްރާއީލުން ޝަހީދުކޮށްލި އާންމުންގެ ތެރޭގައި 500 އަށްވުރެ ގިނަ ކުޑަކުދިންނާއި 300 އަށްވުރެ ގިނަ އަންހެނުން ހިމެނޭކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. (އަލްޖަޒީރާ)