ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މަންޒަރު ދުށް މީހުންގެ ހެކިބަހަށް ބަރޯސާވެގެން ތިބުމަށްވުރެ ބޮޑަށް ފޮރެންސިކް ހެކިތަކަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ޕްރޮސިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު ވިދާޅުވީ ހެކީންނަށް ބިރުދެއްކުމާއި މަރުގެ އިންޒާރު ދިނުމުގެ އިތުރުން ހެކީންނަށް ހަމަލާދިނުމުގެ އަމަލުތައް ވެސް ހިންގާފައި އެބަހުރި ކަމަށެވެ. އެހެންކަމުން އެންމެން ވެސް މަސައްކަތް ކުރަމުން އަންނަނީ ފޮރެންސިކް ހެކީގެ އަލީގައި މައްސަލަތައް ތަހުގީގު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމުން މިދަނީ ފޮރެންސިކް ހެކީގެ އަލީގައި މައްސަލަތައް ތަހުގީގު ކުރުމަށް. މަންޒަރު ދުށް މީހުންގެ ހެކިބަހަށް ބިނާކޮށް އެކަން ކުރުމުގެ ބަދަލުގައި، މޮޑަން ގައުމުތަކުގައި ވެސް އެކަން ކުރަނީ އެގޮތަށް. ތަހުގީގުކުރާ ފަރާތުގެ އެ ޕޮޓެންޝަލް އެބަހުރި ރާއްޖޭގައި. އެ ބޭފުޅުންގެ ލެބޯޓަރީ އައިއެސްއޯ މިންގަނޑަށް ފެތޭ. މިހާރު އެބޭފުޅުންގެ ފޮރެންސިކް ހެކިތަކުގެ އަލީގައި ޝަރީއަތުން މީހުންގެ މައްޗަށް މައްސަލަތަކުގައި އަދަބު ކަނޑައެޅިފައި ވެސް އެބަހުރި،" މުހުތާޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ޑްރާފްޓް ކޮށްފައި އޮތް ޖިނާއީ އިޖުރާއަތުގެ ބިލްގައި ހިމާޔަތާ ރައްކާތެރިކަން ދޭނެ ހަމަތަކާ އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ބިލް ފާސްވެ ގާނޫނަކަށް ވެގެން ދިޔުމުމާ އެކު ހެކީންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

ގާނޫނަކުން ރައްކާތެރިކަންދީ އަދި މުއައްސަސާތަކުން ކިތަންމެ ރައްކާތެރިކަމެއް ދިންކަމުގައި ވިޔަސް މައްސަލަތައް އަވަހަށް ނުނިންމޭކަމުގައި ވަނީނަމަ އެ ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ހެކީން ރައްކާތެރިކުރުމާ ބެހޭ ގޮތުން އަޅުގަނޑުގެ އަމިއްލަ ރައުޔު އަކީ އަޅުގަނޑުމެންނަށް އެކަން އެންމެ ފުރިހަމަގޮތުގައެއް ކިތަންމެ ވަރަކަށް ކުރަން އުޅުނަކަސް ކުރުމަކީ އުނދަގޫ ކަމެއް. ސަބަބަކަށްވަނީ މުޖުތަމައު ކުޑަވެފައި، ލަސްވާ ލަސްވުން. އެ ދިގުދެމިގެންދާ މުއްދަތަކީ އެއީ ތުހުމަތު ކުރެވޭ ފަރާތްތަކަށް ހެކީން އައިޑެންޓިފައި ކުރުމަށް އަޅުގަނޑުމެންނަށް ހުޅުވާލެވޭ ދޮރެއް. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ އަވަސްކުރަން. ދައުވާ އުފުލުމުގައި ވެސް ތަހުގީގު ހިންގުމުގައި ވެސް ޝަރީއަތް ހިންގުމުގައި ވެސް އަޅުގަނޑުމެން އެބަޖެހޭ އަވަސް މިންގަނޑުތަކެއް ގެންގުޅެން،" ޕީޖީ ވިދާޅުވި އެވެ.