19 Aug 2014, 23:49
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުޅުނު ޚާއްސަ މެޗުގައި މެނޭޖްމަންޓް ޓީމު އަތުން ވެޓެރަންސް ޓީމު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ވެޓެރަންސް ޓީމު މޮޅުވީ 5-6 ލަނޑުންނެވެ. މި މެޗުގައި މެނޭޖްމަންޓް ޓީމުން ނިއުގެ މެނޭޖްމަންޓްގައި ކުރިން ހަރަކާތްތެރިވި ބޭފުޅުންނާއި މިހާރު މެނޭޖްމަންޓްގައި މަސައްކަތްކުރާ ބޭފުޅުން ކުޅުއްވި އިރު، ވެޓެރަންސް ޓީމުގައި ހިމެނުނީ ކުރިން އެ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ.

މި މެޗުގައި ވެޓެރަންސް ޓީމު ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު އެ ޓީމުގެ ފޯވާޑް އަލީ ޝަމީމް ކާމިޔާބުކުރި އިރު، އަނެއް ލަނޑު ކާމިޔާބުކުރީ ޝާހު އިސްމާއިލް އެވެ. އަދި މެނޭޖްމަންޓް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އާއި ހަސަން ހަމީދު (ޑަކޭ) އާއި ނިހާން އަދި ދާދި ފަހުން ފުޓްބޯޅަ ކެރިޔަރު ނިންމާލި އަލީ އުމަރެވެ.
މިއަދުގެ މެޗުގެ ދެވަނަ ހާފުގައި ނިއުގެ އެކަޑަމީގައި ތަމްރީނު ހާސިލްކުރަމުންދާ ކުދިންގެ މެޗެއް ކުޅުނު އިރު، އެ ކްލަބުގެ ސީނިއާ ފިރިހެން ޓީމާއި އަންހެން ޓީމުގެ ކުޅުންތެރިން ވެސް ދަނޑު ތެރޭގައި ހަރަކާތްތެރިވި އެވެ.
މި މެޗުގެ ތެރއިން ކުރިއަށްދިޔަ އެންމެ މުހިންމު އެއް ހަރަކާތަކީ ދެ ޓީމުގެ ކުޅުންތެރިން ބޭނުންކުރި ޖޯޒީ ނީލަން ކިޔުމެވެ. އެގޮތުން ހާފެއްގައި 35 މިނެޓް ހިމަނައިގެން ކުޅުނު މި މެޗުގައި ވަރަށް ފޯރިއާއެކު ނީލަން ކިޔުމުގެ ހަރަކާތް ކުރިއަށް ދިޔަ އެވެ.
މިއަދުގެ މެޗުގައި ވެޓެރަންސް ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ޝާހު އިސްމާއީލާއި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އަދި މޫސާ މަނިކު (ކުޑަމޫސަ) އާއި އިބްރާހިމް ނޫރައްދީން ހިމެނެ އެވެ. އަދި މެނޭޖްމަންޓް ޓީމަށް އަލީ އުމަރާއި، މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އަލީ ވަހީދުގެ އިތުރުން ވެސް މިހާރު އެ ޓީމުގެ މެނޭޖްމަންޓުގައި އިސްކޮށް މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންތަކެއް ކުޅުނެވެ.

މެނޭޖްމަންޓު ޓީމްގެ މުހައްމަދު ހުސައިން (އޮއިއްޓޭ) ކައިރިން ނެއްޓުމަށް ވެޓްރަންސް ޓީމްގެ އަލީ އާޒިމް މަސައްކަތް ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ މެޗު ކުރިއަށްދިޔަ އިރު، 200 ރުފިޔާއަށް ޚާއްސަ ކޫޕަނެއް ވެސް ވިއްކި އެވެ. އެ ކޫޕަން ގަނެގެން ހޮވޭ ނަސީބުވެރި ފަރާތަކަށް ނިއުއިން އެންމެ އަވަހަށް ރާއްޖެއިން ބޭރުގައި ކުޅޭ އޭފްސީ ކަޕްގެ މެޗެެއް، އެ ކްލަބުގެ ޚަރަދުގައި ބަލައިލުމުގެ ފަރުސަތެއް އެ ޓީމުން ދިނުމަށް ވަނީ ނިންމައިފަ އެވެ. މެޗު ނިމުމާއެކު ނަސީބުވެރި ފަރާތް ހޮވި އިރު، އެ ފަރާތަކަށް ހޮވުނީ ނިއުގެ ސަޕޯޓަރު އަދި ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކެވެ.

ނަސީބުވެރި ފަރާތަކަށް ހޮވުނު ކޮއްޔަ ހަސަން މަނިކާ ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު ކޫޕަން ހަވާލު ކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ