ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ދެން ދުވަހަކު ވެސް ދަތެއް ނާޅާނެ ކަމަށް އެނާ ބުނެފި އެވެ.

ވޯލްޑް ކަޕްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖޯޖިއޯ ކިއެލިނީ ކޮނޑުގައި ދަތްއެޅި މައްސަލައިގައި ސުއަރޭޒް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފަ އެވެ.

"އަހަރެންގެ ސަޕޯޓަރުންނަށް ބުނަލަން ބޭނުންވަނީ ހާސްނުވާށޭ. ދެން އަހަރެން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ހުވާކުރަން،" މިހާރު ތިން ފަހަރު ދަނޑު މަތީގައި ދަތް އަޅާފައިވާ ސުއަރޭޒް ބުންޏެވެ.

އޭނާ ބުނީ، ވޯލްޑް ކަޕްގައި ހިނގި ހާދިސާއަށް ފަހު ނަފްސާނީ ތަފާތު މައްސަލަތައް އެނާއަށް ކުރިމަތިވި ކަމަށެވެ.

ސުއަރޭޒް ވަނީ ސްޕޯޓް އާބިޓްރޭޝަން ކޯޓު (ސީއޭއެސް) އަށް އެ މައްސަލަ ހުށަހަޅައި ފީފާގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފަ އެވެ. ފީފާއިން ނިންމި ނިންމުމުގައިވާ ގޮތުން އޭނާއަށް ވާދަވެރި މެޗެއްގައި ބައިވެރިވެވޭނީ އޮކްޓޯބަރު މަހުގެ ފަހު ކޮޅެވެ. އަދި ގައުމީ ޓީމު ކުޅޭ ނުވަ މެޗުގައި ވެސް އޭނާއަށް ބައިވެރިނުވެވޭ ގޮތަށް އެ ނިންމުމުގައި ވެއެވެ.

ދަތްއެޅި ފަހުން ބާސެލޯނާއަށް ބަދަލުވެ ސުވާރޭޒް ވަނީ ފުރަތަމަ ފަހަރަށް އެ ކްލަބުގެ ޖާޒީގައި މެޗެއް ކުޅެފަ އެވެ.