ރަށުގައި ތިބެގެން އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެވޭ "މަންދު ކޮލެޖް ވާޗުއަލް ކެމްޕަސް" އުރީދޫގެ އެހީތެރިކަމާއެކު މިރޭ ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

މަންދު ކޮލެޖުން ބުނީ އެ ކެމްޕަހުގެ ޒަރީއާއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންނާއި ޓީޗަރުން އެމީހުން ދިރިއުޅޭ ރަށުގައި ތިބެ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށް އެއް ކްލާސްރޫމެއްގެ ތެރެއަށް ގެނެސްދޭނެ ކަމަށެވެ. އަދި ކްލާސް ހިނގަމުންދާ ވަގުތު އެކަކު އަނެކަކާ ފުރިހަމައަށް މުއާމަލާތް ކުރެވޭނެ ކަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ.

މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް އެ ޚިދުމަތް ރަސްމީކޮށް ތައާރަފްކުރުމަށް މިރޭ މަންދު ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ ވާޗުއަލް ކްލާހެއް ތައާރަފްކުރުމުގެ ބޭނުމަކީ އަތޮޅުތަކުގައި އުޅޭ މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މީހުންނަށް ރަށުގައި ތިބެގެން އެ ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީން ލިބެންހުރި ފަސޭހަ ތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރާއްޖޭގެ ދަރުވަރުންނާއި ހަމައަށް ތައުލީމު ފޯރުކޮށްދިނުމަކީ އެ ކޮލެޖުގެ އަމާޒެއް ކަމަށް ވެސް އިބުރާ ވިދާޅުވި އެވެ.

"މިއީ މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ޝަރަފެއް. މި މަސައްކަތް ފުރިހަމަކުރުމަށް އުރީދޫ އިން ކޮއްދެއްވި ބުރަ މަސައްކަތަށް ޝުކުރު ހައްގު. އިރާދަކުރެއްވިއްޔާ 2015 ފެށޭ އިރު ރާއްޖޭން ބޭރުގައި ތިބޭ ބޮޑަތި އިލްމުވެރިންނަށް ވެސް އެބޭފުޅުންގެ ގައުމުގައި ތިބެގެން މަންދުކޮލެޖްގެ ދަރިވަރުންނަށް ކިޔަވައިދޭނެ އިންތިޒާމް ހަމަޖައްސާނަން،" އިބުރާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މުޅިދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ތައާރަފް ކުރި ޚިދުމަތެއްގެ ގޮތުގައި އެފަދަ ޚިދުމަތެއް އުރީދޫއާ ގުޅިގެން މަންދު ކޮލެޖުން ތައާރަފް ކުރުމަކީ އުރީދޫއަށާއި މުޅި ދިވެހިރާއްޖެއަށް ވެސް ލިބިގެންދާ ވަރަށްބޮޑު ފަޚުރެއް ކަމަށެވެ.

"މިފަދަ ޚިދުމަތެއް އުރީދޫއާ ގުޅިގެން މުޅި ދުނިޔޭން ވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރިކަމީ އަޅުގަނޑުމެން އެންމެނަށް ލިބޭ ފަހުރުވެރިކަމެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީ ފޯރުކޮށްދޭން. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ފުރިހަމަކޮށް ދިނުން،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫގެ ތުރީޖީ ނެޓްވޯކްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަންދުކޮލެޖުގެ ވާޗުއަލް ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.