ބަޔާން މިއުނިކުން އެތުލެޓިކޯ މެޑްރިޑްގެ އުރުގުއާއީ ޑިފެންޑަރު ޑިއޭގޯ ގޮޑިން އެ ކްލަބަށް ގެންދިއުމަށްޓަކައި 27 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފި އެވެ.

ގޮޑިން ހޯދުމަށް ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ މަސައްކަތް ފަށައިފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ ހާވިއާ މާޓިނޭޒަށް އަނިޔާވެ، މި ސީޒަންގައި ކުޅެވޭނެ ކަމުގެ އުންމީދު ގެއްލުމުންނެވެ. މާޓިނޭޒްގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ ހަފްތާގައި ޖަރުމަނު ސުޕާ ކަޕުގައި ބުރޯޝިޔާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ގޮޑިން ވެގެން ގޮސްފައިވަނީ މިދިޔަ ސީޒަންގެ ލަލީގާގެ ޗެމްޕިއަން އެތުލެޓީކޯގެ ސްޓާރަކަށެވެ. މިދިޔަ ސީޒަން އެތުލެޓިކޯއަށް ލިބުނު ކާމިޔާބީގައި ވެސް ހިއްސާތަކެއްވާ ގޮޑިން އަކީ މިދިޔަ ސީޒަންގައި އެތުލެޓިކޯގެ ފުރަތަމަ އެގާރައިން ޖާގަ ގަވާއިދުން ހޯދި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

މިދިޔަ ސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށް އެތުލެޓިކޯއަށް ގޮޑިން ވަނީ ޖުމްލަ 51 މެޗު ކުޅެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯއިން ޖެހި ލަނޑުވެސް ކާމިޔާބުކުރީ ގޮޑިން އެވެ.

މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އުރުގުއާއީ ކުޅުނު ހަތަރު މެޗުގެ ފުރަތަމަ އެގާރާގައި ވެސް އޭނާ ގޮޑިން ވަނީ ކުޅެފައެވެ.

ބައެއް މީޑިއާ ރިޕޯޓަތައް ބުނާ ގޮތުގައި ގޮޑިން ބަޔާނަށް ބަދަލުވެއްޖެނަމަ، އެ މަގާމު ފޫބެއްފުމަށްޓަކައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ލިވަޕޫލްގެ ޑެނިއަލް އާގާއަށް ބިޑްކުރާނެ އެވެ.