19 Aug 2014, 23:15
ބަޔާން މިއުނިކްގެ ޖަރުމަން ތަރި މާރިއޯ ގޯޓްޒޭއަަށް ފުޓުބޯޅަ ކުޅުމުގެ ހުނަރު ލިބިފައި ހުއްޓަސް އެ ހުނަރުގެ ބޭނުން ފުރިހަމަ ގޮތުގައި އޭނާ އަދި ހިފާފައިނުވާ ކަމަށް ޖަރުމަނުގެ ކުރީގެ ލެޖެންޑް އަދި މިހާރު ސްޓޮކްޕޯޓް ކައުންޓީގެ ކޯޗު ޑިއެޓްމާރް ހާމާން ބުނެފި އެވެ.
ހާމާން ބުނީ، މިދިޔަ އަހަރު ބަޔާންއާ ގުޅުނު އުމުރުން 22 އަހަރުގެ ގޯޓްޒޭ އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ގޯޓްޒޭގެ ކުޅުން ހީކުރި ވަރަށް ވުރެ ދަށް ކަމަށެވެ.
"އޭނައަށް ލިބިފައިވާ ހުނަރަށް ބަލާއިރު ގޯޓްޒޭ މިހާރު ހުންނަން ޖެހޭނީ އޭނަގެ ކެރިއަރުގެ މުޅިން ތަފާތު ފަންތިއެއްގައި،" 'ސްކައި ނިއުސް' އަށް ދިން އިންޓަވިއުއެއްގައި ހާމާން ބުންޏެވެ.
ސްޓޮކްޕޯޓް ކައުންޓީގެ ކޯޗު ބުނީ، ގޯޓްޒޭއަށް އޭނާގެ ކުޅިވަރު ރަނގަޅުކުރުމަށް ދެން އޮތީ ހަމައެކަނި ހަ މަސް ނޫނީ ބާރަ މަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގައި އޭނާގެ ކުޅުން މިހާރަށް ވުރެ ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"މިހާރު ކުޅޭ ހިތްނެތިގެން ނުކުޅެފައި މިއަންނަ އަހަރު ރަނގަޅަށް ކުޅޭނަމޭކޭ ނުބުނެވޭނެ. އެއީ ކަމުދާ ގޮތެއް ނޫން،" ހާމާން ބުންޏެވެ.
މިދިޔަ ސީޒަނުގެ ޖަރުމަން ބުންޑަސްލީގާގައި މާރިއޯ ގޯޓްޒޭ ބަޔާނަށް 27 މެޗު ކުޅެ، އެ ޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނާ އެންމެ ފާހަގަކޮށްލެވުނީ މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގެ އިތުރު ވަގުތު ޖަރުމަނަށް ކާމިޔާބުކޮށްދިން މުހިންމު ލަނޑުންނެވެ. ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ އަތުން ޖަރުމަން މޮޅުވެ، ޗެމްޕިއަންކަން ލިބުނީ އެ ލަނޑުންނެވެ.