16 Jan 2011, 17:22
ރަށްރަށުގައި ކޮމިއުނިޓީ ފާމަސީ ހެދުމަށް މި އަހަރު 50،000 ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އިޖްތިމާއީ ރައްކާތެރިކާމާ ބެހޭ ގޮތުން ރޯޝަނީ ބިލްޑިންގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް މިއަދު ވިދާޅުވީ މި އަހަރު އިޖްތިމާއީ ރައްކާތެރި ކަމަށް
ޚަރަދު ކުރުމަށް ބަޖެޓްގައި ތިން ބިލިއަން ރުފިޔާ ހިމަނާ ފައިވާ ކަމަށެވެ. އަދި 2010 އަހަރު އިޖްތިމާއީ ރައްކާތެރި ކަމަށް ޚަރަދު ކުރުމަށް ނިންމާފައި ވަނީ ދެ ބިލިއަން ރުފިޔާ އެވެ.
"އިޖްތިމާއީ ރައްކާތެރި ކުރުމުގެ މި ޕްރޮގްރާމްގެ ދަށުން މިފަހަރު ވަރަށް ބޮޑު އަދަދެއް ބަޖެޓްގައި ވެސް ކަނޑައެޅިފައި އެބައޮތް. ދެ ހާސް ދިހަ ވަނަ އަހަރު އުޅެނީ ދެ ބިލިއަން. އެކަމަކު މި އަހަރު މި އުޅެނީ ތިން ބިލިއަނަށް ވުރެ މަތީ ޢަދަދެއް." ބާރަ ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ އިޖްތިމާއީ ރައްކާތެރި ކަމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު ކުދި ރަށްރަށުގައި ބޭސް ލިބެނޭ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ހިއްސާވާ ގޮތަށް ރަށްރަށުގައި ކޮމިއުނިޓީ ފާމަސީ އުފެއްދުމަށް ބަޖެޓްގައި ފަންސާސް ހާސް ރުފިޔާ ހިމަނާ ފައިވާ ކަމަށެވެ. އަދި އެ ފަންސާސް ހާސް ރުފިޔާ ބޭނުން ކުރާނީ ކޮމިއުނިޓީ ފާމަސީގެ މަސައްކަތް ފެށުމަށް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ކުދި ރަށްރަށުން ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ހަދާ ކޮމިއުނިޓީ ފާމަސީތައް ގާއިމް ކުރާނީ ބޭސް ފިހާރަ ނެތް ރަށްރަށުގައި ކަމަށެވެ. އަދި ބޭސް ފިހާރަތައް ގާއިމް ކުރުމުގެ ހުއްދަ އަމިއްލަ ފަރުދުންނަށް ދިނުމުގެ ބަދަލުގައި ހަވާލު ކުރާނީ މުޖްތަމަޢުގެ ކޮންމެވެސް ޖަމާޢަތަކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފާމަސީ ތަކަށް ބޭސް ފޯރުކޮށް ދޭނީ އާދައިގެ ބޭސް ތައް ކަމަށާއި އަދި ވަކި ލިސްޓެއް އެ ކަމަށް ހަދާފައިވާ ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނެޝެނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ މަދަނަ ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ވެލްފެއާގެ ތެރެއިން 28 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި، 2009 ވަނަ އަހަރު ޚަރަދު ކޮށްފައި ވަނީ 37 މިލިއަން ރުފިޔާ ކަމަށާއި އަދި މިދިޔަ 2010 ވަނަ އަހަރު ނުވަ މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު އެހާ ބޮޑުތަން ކުޑަވެފައި ވަނީ މަދަނައިގެ ޚިދުމަތް ފުޅާވެގެން ދިއުމުގެ ސަބަބުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
މިހާރު މަދަނައިގެ ދަށުން ދަނޑުވެރިންނާއި މަސްވެރިނަށް ހެލްތު އިންޝިއުރެންސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގައި ރަޖިސްޓްރީ ކުރުމުން އެތަނުން ހެލްތު މިނިސްޓްރީ އަށް ރަޖިސްޓްރީ ފޮނުވުމުން މަދަނައިގެ ބައިވެރި ކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.