މިއަހަރުގެ ވޯލްޑް ކަޕް ކުރު ގޮތަކަށް ނިންމާލި ނަމަވެސް ބްރެޒިލް ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ނޭމާ ވެސް "އައިސް ބަކެޓް ޗެލެންޖުގައި" ބައިވެރިވެއްޖެ އެވެ.

އެމީޓްރޯފިކް ލޭޓަރަލް ސްކްލިރޯސިސް (އޭއެލްއެސް) ބައްޔަށް ދުނިޔެ ހޭލުންތެރިކުރުމުގެ ގޮތުން ފެށުނު އެ ޗެލެންޖުގައި ނޭމާ ހުރީ ހުދު ކުލައިގެ ކޮނޑުކެނޑިއެއް ލައިގެންނެވެ. އަދި ގަނޑުފެނުން ފުރިފައި ހުރި ބާލިދީއެއް ބޮލަށް އޮއްސާލުމުގެ ކުރިން އެ ޗެލެންޖު ކުރިއަށް ގެންދިއުމަށް ހުއާން ކަމީލޯ ޒުނީގާގެ ނަމާއި ރޮބީނިއޯގެ އިތުރުން ވަން ޑައިރެކްޝަން ބޭންޑުގައި ލަވަކިޔާ ނިއަލް ހޮރާންގެެ ނަން ވެސް ނޮމިނޭޓްކޮށްފައި ވެއެވެ.

އޭއެލްއެސް ނުވަތަ އާންމު ނަމުން ނަމަ ލޫ ގެހްރިގްސް ޑިސީސް އަކީ ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ސިކުނޑީގައި ހުންނަ މޮޓޯ ނިއުރޯންސް މަޑުމަޑުން ހަލާކުކުރަމުން ގޮސް އެންމެ ފަހުން އެނިއުރޯންސް މަރުވެ، ހަށިގަނޑުގެ ވާގި ދޫވެ، މީހާ ހުއްޓުން އަރުވާލާ ބައްޔެކެވެ.

އޭއެލްއެސް ބައްޔަށް ދުނިޔެ ހޭލުންތެރިކުރާ "އައިސް ބަކެޓް ޗެލެންޖު" ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އެ ޗެލެންޖުގައި ފޭސްބުކް އުފެއްދި މާކް ޒަކާބާގްގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި ޓިވީ ޕްރެޒެންޓަރު އޯޕްރާ ފަދަ ނަން މަޝްހޫރު މީހުން ވަނީ ބައިވެރިވެފަ އެެވެ.