ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިދާރީ އޮނިގަނޑަށް މިއަދު ބަދަލުގެންނަވައިފި އެވެ.

މަގާމްތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު ޓެކްނޮލޮޖީ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ އަދުލީ އަހްމަދު ދީދީ އެވެ. ކްރެޑިޓް ޑައިރެކްޓަރަކަށް ރަޝްފާ ޖައުފަރު ހަމަޖައްސަވާފައިވާ އިރު، ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ ސަހާ ވަހީދެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އޮޕަރޭޝަން ޑައިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ބަދަލުކުރައްވާފައި ވަނީ ރިޓެއިލް ބޭންކިން ޑައިރެކްޓަރު ކަމަށެވެ.

ބީއެމްއެލްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައިކަން އިއުލާން ކޮށްފައި ވަނީ އެ ބޭންކުގެ ކުރިމަގަށް އެކުލަވާލާފައިވާ ޕްލޭން މުވައްޒަފުންނާ ހިއްސާކުރުމަށް ސީއީއޯ އެންޑްރޫ ހީލީ މިއަދު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެ ބައްދަލުވުމުގައި ސީއީއޯ އެންޑްރޫ ވިދާޅުވީ އެގްޒެކެޓިވް ބޯޑަށް އަލަށް އައްޔަން ކުރެވުނު ބޭފުޅުންނަކީ ވަރަށް ގާބިލް ހީވާގި ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ މެނޭޖްމަންޓްގެ ދަށުން ބޭންކް މުޅިން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ސީއީއޯ ވިދާޅުވީ ބޭންކްގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނާއި އަދި ކުދި ވިޔަފާރިތަކަށް ބޭންކުން ދޭ ޚިދުމަތްތަކާއި އެހީތެރިކަން ފުޅާ ކުރުން ކަމަށެވެ.

ބޭންކްގެ ސީއީއޯ އެންޑްރޫ ބޭންކުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ ---- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ އެގްޒެކެޓިވް ބޯޑަށް އާ ބޭފުޅުންތަކެއް ހަމަޖައްސަވާފައި ވަނީ އެ ބޯޑުގައި ތިއްބެވި ރިސްކް ޑައިރެކްޓާ އައިމިނަތު ޝަހީން އާއި ރީޓެއިލް ބޭންކިން ޑައިރެކްޓާ އެލަން މެކްފާލެން އަދި ހިއުމަން ރިސޯސް ޑައިރެކްޓާ އައިޝަތު ނަޝީދާ އިސްތިއުފާ ދެއްވާފައިވާތީ އެވެ.

އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ އިތުރުން އެގްޒެކްޓިވް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި މާކެޓިން ޑައިރެކްޓަރު ރިއްފަތު މުހައްމަދާއި ކޯޕަރޭޓް ބޭންކިންގ ޑައިރެޓްޓަރު ރާހުލް ކޮލަންގޑޭ އާއި ޗީފް ފައިނޭންޝަން އޮފިސާ ނަންދަނާ ސެނެވިރެތުނަ އާއި އިސްލާމިކް ބޭންކިން ޔުނިޓްގެ ޑައިރެކްޓާ ފާތިމަތު މަނިކެ އެވެ.