އިނގިރޭސި ކުލަބް ކިޔުޕީއާރަށް ކުޅެމުން އަންނަ ބްރެޒިލްގެ ގައުމީޓީމުގެ ކީޕަރު ހޫލިއޯ ސެސާ ލޯނު އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ބެންފީކާއާ ގުޅިއްޖެ އެވެ.

ލޯނު އެއްބަސް ވުމުގެ ދަށުން ސެޒާ ބެންފީކާއަށް ބަދަލުވާނެ އަގެއް ހާމަކުރާނެ ކަމަށް ބެލެވެނީ އެޓީމުން މިހާރު ކިޔުޕީއާރާ އެކު ކުރިޔައްދާ ދެޓީމުގެ މަޝްވަރާތަކަށް ފަހުއެވެ.

ސެސާ، 2012 ވަނަ އަހަރު ކިޔުޕީއާރާ ގުޅުނު ނަމަވެސް އެޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު އެޓީމުގެ ފުރަތަމަ އެގާރައިން ވެސް އޭނާއަށް ޖާގަހޯދުމަށް ވަނީ ދަތިވެފައެވެ. އިންޓަމިލާނާއެކު ޗެންޕިއަންސް ލީގުވެސް ކާމިޔާބުކުރި ސެސާ ވަނީ ކިޔުޕީއާރާއެކު 24 މެޗު ކުޅެފައެވެ.

ސެސާ ވަނީ މިދިޔަ ސީޒަންގެ އެމެރިކާގެ މޭޖާލީގް ސޮކާގެ ޓޮރެންޓޯ އެފްސީ އަށްވެސް ކުޅެފައެވެ. އެ ޓީމާއެކު ހަތް މެޗު ކުޅަފައި ވެއެވެ. މިހާރުވެސް ބްރެޒިލް ގައުމީ ޓީމުގައި ހިމެނޭ ސެސާ ވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ނެގި ބްރެޒިލްގެ ސްކޮޑުން ޖާގަހޯދައި އެޓީމު މުބާރާތުން ކަޓަންދެން ޓީމުގެ ފުރަތަމަ 11ގައި ވެސް ހިމެނިފައެވެ.

އުމުރުން 34 އަހަރުގެ ސެސާއަށް ކިޔުޕީއާރުން މުސާރައިގެ ގޮތުގައި ހަފްތާއަކަށް 100،000 ޕައުންޑް ޖެހެއެވެ.