ހަތަރުލައްކަ އައްޑިހަ ހާސް ރުފިޔާގެ މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އެންމެންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި އެ އެންމެން ހައްޔަރުކޮށްފައި މއ. ވާދޫ ގެއިންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން 23 އަހަރުގެ އަންހެން މީހާ ވަނީ ޖޫން 20 ވަނަ ކޯޓުން ދޫކޮށްލާފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 26 އަހަރުގެ މީހާގެ ދެ އިނގިލި ކުރި އައްސިވާ ކަމަށް ބުނެ، ޑޮކްޓަރުގެ ލިޔުންތައް ހުށަހެޅުމުން ކޯޓުން ވަނީ އޭނާ ގޭ ބަންދަށް ބަދަލު ކޮށްފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 50 އަހަރުގެ މީހާއާއި 52 އަހަރު މީހާ މިހާރުވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

އެ އޮޕަރޭޝަންގައި މަސްތުވާތަކެތި އަޅާފައި ހުރި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް މއ. ވާދޫގެއިން ވަނީ ހޯދާފައެވެ. އަދި އެ މައްސަލައާ ގުޅިން ހުރި އިތުރު ގެއެއް ބަލައި ފާސްކޮށް އެއިންވެސް މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް ފުލުހުން ވަނީ ހޯދާފަ އެވެ.