އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިތުރުން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މާސްޓާޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމްއައިއެފްޕީ) ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސީއެމްޑީ އިން ބުނީ، 30 މީހުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ އެ ކޯހަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަފައިވީ ނަމަވެސް މިހާރު އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި ކޯހަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެކަމަށް ގިނަ ފަރާރްތަކަކުން އެދެމުން އަންނާތީ ކަމަށެވެ.

އެ ޕްރޮގްރާމް ރާއްޖޭގައި ހިންގުމުގެ މަގުސަދަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އަށް މީހުން އަހުލުވެރިކުރުމާއި އެ ދާއިރާ އިން ރާއްޖެ އަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. އަދި އެ ކޯހުގެ ސަބަބުން ކުރިއަރާފައިވާ ގައުމުތަކުގައި އިސްލާމީ އިޤްތިސާދު ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތާއި އިސްލާމީ އިޤްތިސާދެއް ބިނާކުރުމުގެ ގޮތުން ރާއްޖޭގެ ހާލަތާ ގުޅޭ އެކަޑެމިކް ރިސާޗް ހެދުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.

އެ ކޯހަކީ މެލޭޝިޔާގެ ކޮލިފިކޭޝަންސް އޭޖަންސީ އިން މަސްޓާޒް ފެންވަރުގެ ކޯހެއްގެ ގޮތުގައި ޤަބޫލުކުރާ ކޯހެކެވެ. އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އެ ކޯސް ފެށުުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. އަދި މިކޯހުގެ މުއްދަތަކީ 18 މަސް ދުވަހެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ކުއްލިއްޔާގައި ކަމަށް ސީއެމްޑީ އިން ބުންޏެވެ.