މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މ. ޒިލިއަންގޭގެ ތެރެއިން ފެނުނު ހިމާޔަތްކޮށްފައިވާ ޖަނާވާރެއް ކަމަށްވާ "ސްލޯ ލޮރިސް" އިނގިރޭސި ވިލާތަށް ގެންގޮސްފި އެވެ.

އިނގިރޭސި ވިލާތުގެ މީޑިއާތަކުން ބުނީ ސްލޯ ލޮރިސްއާ ހަވާލުވި މަންކީ ވޯލްޑް އެޕް ރެސްކިއު ސެންޓަރަށް މިދިޔަ ހަފްތާތެރޭ ގެންގޮސްފައިވާ ކަމަށެވެ.

މިއީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް މިގޮތަށް ރާއްޖޭން ގެންދިޔަ ފުރަތަމަ ފަހަރެވެ.

ދުނިޔެ އިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ 33،000 ޖަނަވާރާއި ދޫނި ސޫފާސޫފީގެ ލިސްޓުގައި ހިމެނޭ ސްލޯ ލޮރިސް ރާއްޖޭން ފެނުމާ ގުޅިގެން އޭތި ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދު އަށް ގެންގޮސްފަ އެވެ. ދޫނިދޫގައި ސްލޯ ލޮރިސް ހޭދަ ކުރި އަށް މަސް ދުވަހުގައި "ކަލޯ"ގެ ނަމުން ނަން ދީފައިވާ އެ ޖަނަވާރު އިނގިރޭސި ވިލާތަށް ގެންދިޔައީ ބްރިޓިޝް އެއާވޭސްގެ ފްލައިޓެއްގަ އެވެ.

މަންކީ ވޯލްޑުގެ ފަރާތުން ބުނެފައި ވަނީ މަންކީ ވޯލްޑަށް އޭތި ގެންދިއުމުން އެ އެއްޗަށް އޭގެ އަންހެން ބައިވެރިއަކު ލިބޭނެ ކަމަށެވެ. އަދި ސްލޯ ލޮރިސް ގައުމަކަށް އެތެރެ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އިނގިރޭސިވިލާތުން އެ އަށް ހިމާޔަތް ނުދިން ނަމަ ދެން އޮންނާނެ ގޮތަކީ އޭތި މަރާލުން ކަމަށެވެ.

ރާއްޖެ ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ ދަށުން ސްލޯ ލޮރިސްއަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. އަދި ރާއްޖެއިން ސައިޓީސް މުއާހަދާގައި ބައިވެރިވެފައިވުމުން ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހެ އެވެ.