ގެއްލިގެން ހޯދަމުން އަންނަ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ހޯދުމަށް ބޭނުންކުރަން ޖެހޭ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އޭނާ އަށް ވީގޮތެއް ބެލުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އައިއެފްޖޭއާއި ސައުތު އޭޝިއާ މީޑިއާ ސޮލިޑީޓަރީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި އޭނާ ގެއްލުނު މައްސަލަ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައަކަށް ވެފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާ ގެއްލިފައި މިވަނީ ގޭންގްތަކާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަބަބުން ނުތަވަނަސްކަން އިތުރުވެފައި ވަނިކޮށް ކަމަށެވެ.

"... އަހުމަދު ރިޟުވާނު ގެއްލުނުތާ 11 ދުވަސްވީ އިރު ވެސް އޭނާ ފެނިފައި ނުވާތީ އެކަން މިހާރު ވަނީ ވަރަށް ބޮޑު ކަންބޮވުމަކަށް ވެފަ އެވެ. އޭނާ ހޯދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދިވެހި ސަރުކާރަށް ގޮވައިލަމެވެ،" އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލިގެން ހޯދަން ފެށީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އާދީއްތަ ދުވަހު ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.