ވައްކަމުގެ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ބުނެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން އއ. ހިމަންދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓްގެ ނަން ބާތިލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މިއަދު ހަވީރު ސުޕްރީމް ކޯޓުން ނިންމި މައްސަލައިގައި ބުނެފައި ވަނީ ހިމަންދޫ، ޖަވާހިރުވާދީ، އަސީތު ތައުފީގުގެ ނަން އިލެކްޝަނުން ބާތިލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާގެ ނަން ބާތިލު ކޮށްފައި ވަނީ މައްސަލައެއް އޮތްނަމަ އެކަން ކުރުމަށް އިލެކްޝަނަށް ލިބިފައިވާ 48 ގަޑިއިރުގެ ފަހުން ކަމަށްވާތީ އޭނާގެ ނަން އިލެކްޝަނަށް ބާތިލު ނުކުރެވޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނަނީ ހިމަންދޫ ކެންޑިޑޭޓުގެ ނަން ބާތިލު ކުރެވޭނީ އެ ފަދަ ނިންމުމެއް ޝަރުއީ ކޯޓަކުން ނިންމައިގެން ކަމަށެވެ.

އިލެކްޝަނުން އަސީތުގެ ނަން ބާތިލުކުރީ 2003 ވަނަ އަހަރު ސާބިތުވެފައިވާ އެއް އަހަރާއި 11 މަސް ދުވަހުގެ ވައްކަމުގެ ހުކުމަކާ ގުޅިގެނެވެ.

އަސީތުގެ ފަރާތުން ބުނަމުން އައީ އިލެކްޝަންސް އިން އަމަލު ކޮށްފައިވާ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން އޭނާގެ ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ ހަތަރު ވަނަ ނަންބަރުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ގާއިމްވެފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމުގެ ކުށެއް ނުވަތަ ހިޔާނަތުގެ ކުށެއް ނުވަތަ ރިޝްވަތު ކުށެއް ސާބިތުވެފައިވާ ނަމަ އެމީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށެވެ.