ފިޝަމަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ލ. ގަމުގައި ގާއިމްކޮށްފައިވާ ފިޝަމަންސް ކޮމިޔުނިޓީ ޓްރެއިނިން ސެންޓަރުގައި ބިޒްނަސް ސްޓާޓް-އަޕް ވޯކްޝޮޕެއް ފަށައިފި އެވެ.

މަސްވެރި އާއިލާތައް މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ ގޮތުން ފިޝަމަންސް އެސޯސިއޭޝަނުން އިސްނަގައިގެން ލ. ގަމުގައި ހިންގާ އެ ވޯކްޝޮޕަކީ މަސްވެރި އާއިލާތަކަށް އަމާޒުކޮށްގެން މި މަހުގެ 18 އިން 20 އަށް އެ އެސޯސިއޭޝަންގެ ކްލާސް ރޫމުގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ވޯކް ޝޮޕް އިފްތިތާހް ކޮށްދެއްވަމުން ލ. ގަމު ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ ފިޝަމަންސް ކޮމިޔުނިޓީ ސެންޓަރުން ލ. ގަމުގައި ހިންގާ ވޯރކްޝޮޕްތަކާއި ކޯސްތަކަކީ މަސްވެރި އާއިލާތަކުގެ އިތުރުން މުޅި ގައުމަށް ވެސް އެކަމުގެ ސަބަބުން ލާބައާއި މަފާ ކުރާނެ ކޯސްތަކެއް ކަމުގަ އެވެ. އަދި އެފަދަ ކޯސްތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލުމުން އެކަމަށް އެދެވޭ އިޖާބަ ދޭ ފަރާތްތައް މަދުކަމަށާއި އެއީ ކައުންސިލުން ހިތާމަކުރާ ކަމެއް ކަމުގައި ވެސް ޝިޔާމް ވިދާޅުވި އެވެ.

ފިޝަމަންސް އެސޯސިއޭޝަނުން ދިވެހި މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން މާކެޔޮޅުން ތަމްރީންކުރުމަށް ހިންގި ފުރަތަމަ ބުރުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ މަސްވެރިއަކު ތަމްރީނު ހޯދުމަށް ޓަކައި މިހާރު ވަނީ އެއް މަސް ދުވަހުގެ ކޯހެއްގައި އެމެރިކާއަށް ފޮނުވައިފައެވެ.