19 Aug 2014, 13:43
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް މިއަދު ފޮނުއްވައިފި އެވެ.
އޭސީސީ އަށް ހޮއްވަވާފައިވާ ފަސް މެންބަރުންގެ މަޤާމުގެ ދައުރު އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާތީ، އެ ކޮމިޝަންގެ ދެ ވަނަ ދައުރަށް ހޮއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި މަޖިލީހަށް ފޮނުއްވެވި ފަސް ނަންފުޅުގެ ތެރޭގައި، މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް އޭސީސީ އަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ އަނެއް ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ކުރިމަތިލެއްވި އެވެ.
ލުތުފީ އާއި މުއައްވިޒުގެ އިތުރުން ރައީސް ޔާމިން މިއަދު މަޖިލީހަށް ފޮނުއްވެވި އަނެއް ތިން ބޭފުޅުންނަކީ ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދެވެ.
އެ ފަސް ބޭފުޅުންނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންނެވެ. މިކަމަށް އިޖާބަ ދެއްވި އެހެން ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ވެސް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ޖުމްލަ 42 ބޭފުޅަކު މެންބަރުކަމަށް އެދިވަޑައިގެން ނަން ހުށަހެޅުއްވި އެވެ.