ޗައިނާގެ ނަންޖިންގައި ކުރިއަށްދާ ޔޫތު އޮލިމްޕިކް ގޭމްސްގެ ސްވިމިންގްގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރާއްޖޭގެ މުހައްމަދު މުއްތަސިމް އަދުނާން ކަޓައިފި އެވެ.

ދެވަނަ ޔޫތު އޮލިމްޕިކްސް ގޭމްސްގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް މުއްތައްސިމް އަށް ނިންމުނީ 27.03 ސިކުންތުންނެވެ. އޭނާ އެ އިވެންޓް ނިންމީ ތިންވަނަ އަށެވެ.

މި ހީޓުން އެއްވަނަ ހޯދި ސްވަޒިލޭންޑްގެ ރިޗްޓާ ގެބްރިއަލް 26.15 ސިކުންތުން ހީޓް ނިންމި އިރު، ދެވަނަ ހޯދި ފަލަސްތީނުގެ އަލްތަމަރީ އަނަސްއަށް ހީޓް ނިންމުނީ 26.36 ސިކުތުންނެވެ. މި ހީޓްގައި ވާދަކުރި އެއްވެސް ކުޅުންތެރިއަކު ސެމީ ފައިނަލަށް ދަތުރުކޮށްފައެއް ނުވެ އެވެ. ސްވިމިންގް 50 މީޓަރު ފްރީސްޓައިލްގެ ސެމީއަށް ދަތުރުކުރާނީ ހަތް ހީޓްގެ ތެރެއިން އެންމެ އަވަހަށް އިވެންޓް ނިންމާ ފެތުންތެރިންނެވެ.

ކުރިން މުއްތަސިމް ހަދާފައިވާ ރެކޯޑް މުގުރާލާފައި ވާއިރު، ކުރިން އޭނާ އެ އިވެންޓް ފުރިހަމަކުރީ 28.08 ސިކުންތުންނެވެ. އެ ރެކޯޑު އޭނާ ހަދާފައި ވަނީ މި މަހު ކުރީކޮޅު ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައެވެ.

މުއްތަސިމްގެ އިތުރުން ސްވިމިންގް އިވެންޓްތަކުގައި ރާއްޖޭގެ އަންހެން ފެތުންތެރިޔާ އައިޝަތު ސާޖިނާ ވާދަކުރާނެ އެވެ. އަންހެން ކުދިންގެ 50 މީޓަރު ފްރީސްޓައިލްގައި އަންނަ ބުރާސްފަތި ދުވަހު ސާޖިނާ ވާދަކުރާ އިރު، 50 މީޓަރު ބަޓަފްލައި އިވެންޓްގައި މާދަމާ މުއްތަސިމް ވާދަކުރާނެ އެވެ.