19 Aug 2014, 13:27
ހިލޭސާބަހަށް ގާނޫނީ އެހީ ދިނުމުގެ ގޮތުން، ހޯޕް ފޯ ވިމެންގެ ފަރާތުން "ފެމެލީ ލީގަލް ކްލިނިކް" ޕްރޮޖެކްޓެއް މިއަދު ފަށައިފި އެވެ.
ފެމެލީ ލީގަލް ކްލިނިކްގެ ނަމުގައި މިއަދު ފެށި ޕްރޮޖެކްޓާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހޯޕް ފޯ ވިމެން އިން ބުނީ މި ޕްރޮޖެކްޓަކީ، އާއިލާއާ ބެހޭ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދާއިރާއިން ހިލޭ ސާބަހަށް ޕްރޯ ބޯނޯ (ލޯޔަރުން ހިލޭ ސާބަހަށް ކުރާ މަސައްކަތް) އުސޫލުން ގާނޫނީ އެހީ ދިނުމުގެ ގޮތުން ފެށި ޕްރޮޖެކްޓެއް ކަމަށެވެ.
އެ ހިދުމަތުގައި ހިމެނެނީ ކައިވެންޏާއި ވަރިއާ ގުޅޭ އިޖުރާތްތަކާއި، ހަޟާނާތާއި ޗައިލްޑް ސަޕޯޓާއި މެއިންޓެނަންސް އާއި ގުޅޭ ގޮތުން ގާނޫނީ ލަފާ ދިނުމެވެ. ހޯޕް ފޯ ވިމެން އިން ބުނީ އެ ހިދުމަތަކީ ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ހިދުމަތެއް ކަމަށެވެ.
ފެމެލީ ލީގަލް ކްލިނިކުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅުމާއި ކޯޓުގައި ތަމްސީލު ކުރުމާއި ލިޔުން ޑްރާފްޓް ކުރުމާއި އަދި ސުލްހަ ކުރުން ނުހިމެނެ އެވެ. އެ ހިދުމަތުގެ އަމާޒަކީ ކޮންސަލްޓޭޝަން މެދުވެރިކޮށް ގާނޫނީ ގޮތުން ދައުލަތުން ލިބެން ހުރި ހިދުމްތަތަކަށް މަގުފަހި ކުރުވައިގެން ކްލައިންޓުންނަށް މައްސަލަ ކުރިއަށްގެންދާނެ ގޮތް ތަނަވަސްކޮށްދިނުމެވެ.
"މި ޕްރޮޖެކްޓްގެ މަގުސަދަކީ ރާއްޖޭގައި ގިނަވަމުންދާ ވަރި އާއި ގެވެށި އަނިޔާގެ އިޖުތިމާއީ މައްސަލަތަކަށް ގާނޫނީ ގޮތުން އަހުލުވެރި ކުރުވުމާއި އަދި ކަމާ ގުޅޭ ގޮތުން ދައުލަތުގެ ނިޒާމުގެ ތެރެއިން ލިބެން ހުރި އެހީގެ ހިދުމަތްތަކަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން،" ފެމެލީ ލީގަލް ކްލިނިކްގެ ފައުންޑާ ޝަފީއާ ރިޟާ ވިދާޅުވި އެވެ.
ފެމެލީ ލީގަލް ކްލިނިކްގެ ގާނޫނީ ވަކީލުން، އާއިލާއާ ބެހޭ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނޫގެ ދާއިރާއިން ކޮންމެ ކްލައަންޓަކަށް 30 މިނެޓްގެ ކޮންސަލްޓޭޝަން ދިނުމަށް ހަމަޖެހިފައި ވެއެވެ. ހޯޕް ފޯ ވިމެން އިން ބުނީ އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ ދުވަހެއްގެ ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.
ހިދުމަތް ހޯދުމަށް ކްލައަންޓުން ރަޖިސްޓްރީ ކުރުމަށް ގުޅަން ޖެހެނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 3:00 އަށް 7456570 ނަމްބަރަށެވެ.