ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީގެ ފަރާތުން ރާއްޖެއަށް ދިނުމަށް ހަމަޖައްސާފައިވާ 50،000 މުސްހަފްގެ ތެރެއިން ބައެއް މިއަދު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނާ ހަވާލުކޮށްދީފި އެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މުސްހަފްތައް ސްކޫލްތަކުގެ ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެ ސޮސައިޓީގެ ރައީސް ޑރ. އާދިލް ހަސަން ޔޫސުފް ހަމަދު އެވެ. އެ ރަސްމިއްޔާތުގައި ސްކޫލްތަކުގެ އިތުރުން ދީނީ ބައެއް ޖަމިއްޔާ ޖަމާއަތްތަކާ ވެސް މުސްހަފްތައް ހަވާލުކޮށްދެއްވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީދު އަލީ ދެއްކެވި ވާހަކަފުޅުގައި ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީން ރާއްޖެއަށް ހަދިޔާ ކުރި އެ މުސްހަފްތަކަކީ އެ ސޮސައިޓީން ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާ 100،000 މުސްހަފްގެ ތެރެއިން ބައެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ސޮސައިޓީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވި އެވެ.

"މުސްހަފްތައް ކޮންމެ ކުއްޖަކަށް އަދި ކޮންމެ އާއިލާއަކަށް ވެސް ހަވާލުކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޑރ. އާދިލް ހަސަން ޔޫސުފް ހަމަދު ދެއްކެވި ވާހަކަފުޅުގައި ކީރިތި ގުރުއާންގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި އެ ސޮސައިޓީގެ ފަރާތުން މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ހަވާލުކުރުމަށް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ބަހުރެއިންގެ ގުރުއާން ކެއާ ސޮސައިޓީގެ އެ ބޭފުޅުން ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ގުރުއާނާ ބެހޭ މަރުކަޒަށް ޒިޔާރަތްކުރައްވައިފަ އެވެ.