ވަޒީފާގައި އުޅެނިކޮށް ނުކުޅެދޭ ހާލަތެއް ދިމާވާ ފަރާތްތަކަށް "ޑިސެބިލިޓީ އިންޝުއަރެންސް"ގެ ނަމުގައި އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދިމާވާކަމަކުން "ދެރަ ގޮތެއް" މެދުވެރިވާ މުވައްޒަފުންނަށް އެހީތެރިވެދޭ އެ އިންޝުއަރެންސް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މުވައްޒަފަކަށް ލިބޭ ގެއްލުމުން އޭނާ ވަޒީފާއާއި ދުރަށް ދާންޖެހޭ ހާލަތެއްގައި އެ އިންޝުއަރެންސްގެ ދަށުން ކޮންމެ މަހަކުވެސް އޭނާއަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާޔަތެއް ލިބޭނެ އެވެ.

"އޭގެ ތެރޭގައި ހިމެނިދާނެ މުސާރައިގެ އެއްބައިވެސް ނޫނީ މުޅި މުސާރަ ވެސް، އަދި އަޅުގަނޑުމެން ވަކި ވަރެއް ނުނިންމަން،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ އެ އިންޝުއަރެންސް ސްޓަޑީ ކުރުމުގެ މަސައްކަތް ކަމަށާއި އެކަން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މަނިކު ވިދާޅުވީ އެ އިންޝުއަރެންސް ތައާރަފް ކުރެވޭނެ ވަކި ދުވަހެއް ބުނަން ނޭންގޭ ކަމަށެވެ.

ޕެންޝަން ގާނޫނު ބުނާގޮތުން ޑިސެބިލިޓީ އިންޝުއަރެންސް އެއް ތައާރަފް ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ލިބިގެންވެ އެވެ.