ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯއާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބ. ތުޅާދޫގައި ވެސް ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ތުޅާދޫގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ތުޅާދޫގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 18އަށް އަރައެވެ. އެންމެ ފަހުން އެ ކުންފުނީގެ ފާމަސީއެއް ހުޅުވީ ރ. މީދޫގަ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއުއަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.