އައްޑު އަތޮޅު މީދޫގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ކުކުޅު ކޮށްޓަކަށްލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އައްޑު އަތޮޅު މީދޫ މަސްވެރިއެއް ކަމަށްވާ އަހުމަދު ވަސީމުގެ ދަރިފުޅު، ޑޯލްފިންގޭ، މުހައްމަދު ޝަނޫޒު، 6، ގެ ގައިގައި ތަޅާ އަނިޔާކޮށް ކުކުޅުކޮށްޓަކަށްލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. އެ ސްޓޭޝަނުން ބުނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި ނަމަވެސް އަދި އެ މައްސަލައިގެ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ޝަނޫޒުގެ ބައްޕަ، ވަސީމް ސަން އިއްޔެ ކިޔައިދިން ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އޭނާ މަހަށް ގޮސްފައި ގެޔަށް ދިޔަ އިރު ޝަނޫޒު ގިސްލަ ގިސްލާފައި ރޯން އިންތަން ފެނިގެން ދަރިފުޅު ކައިރީގައި "ކީންވެގެންތޯ ތިޔަ ރޮނީ؟" އެހި ކަމަށާއި ނަމަވެސް އުމުރުން ހަ އަހަރުގެ ދަރިފުޅު ބިރުގަންފައި ހުރި ވަރުން ޖަވާބު ދޭން ވެސް ޖެހިލުންވެފައި ހުރީ ކަމަށެވެ. އަދި އޭނާ ބުނީ ޝަނޫޒު ޖަވާބެއް ނުދިނުމުން ގޭ މީހުން ކައިރީގައި އަހައިގެން ޝަނޫޒަށް ވެފައި އިން ގޮތް އޮޅުންފިލުވި ކަމަށެވެ.
އެ މައްސަލައިގެ ބަޔާން ނަގަން ޝަނޫޒުއާ އެކު، ފުލުހުންގެ އިދާރާއަށް ދިޔުމުން މައްސަލަ އިތުރަށް ސާފުވެގެން ދިޔަ ކަމަށާއި ފުލުހުން ވެސް އެ ވާހަކަތައް އޭނާ އަށް ކިޔައިދިން ކަމަށް ވަސީމް ބުންޏެވެ.
ވަސީމް ބުނީ އެހާދިސާ ހިނގި ގޮތަކީ އެރަށު މުހައްމަދު ތައްހާނު ކިޔާ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ޝަނޫޒުގެ ގައިގައި ތަޅައި އަނިޔާކުރުމަށް ފަހު، ޝަނޫޒުގެ މުޅި ގަޔަށް ބަތް އަޅައި، އޭނާ ގޮވައިގެން ގޮސް ކުކުޅުކޮށްޓަކަށްލައި ބަންދުކުރީ ކަމަށެވެ. އައި ތައްހާނު އަމިއްލަ އަށް ފުލުހުންނަށް ގުޅައި "ކުކުޅު ކޮށްޓަށް ވަގަކު ވަދެ، ކުކުޅު ވަގަންނަގަން އެބަ އުޅޭ،" ކަމަށް ބުނެ، ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް ވެސް ވަސީމް ބުންޏެވެ.
ފުލުހުން އެތަނަށް ދިޔައިރު، ކުކުޅު ކޮށި ތެރޭގައި "ރޮއި ހޭރެމުންދިޔަ" އެ ކުޑަ ކުއްޖާ އިނީ ކުކުޅުގެ ނަޖިހުން ފޯވެފައި ކަމަށާއި ފުލުހުން އެ ކުއްޖާ ކުކުޅުކޮށިން ނެރެ، ސުވާލު ކުރުމުން ޝަނޫޒު ރޮމުން ތައްހާނު އޭނާއާ މެދު ކަންތައް ކުރި ގޮތް ކިޔައިދިން ކަމަށް ވަސީމް ސަން އަށް ކިޔައިދިނެވެ.
ނަމަވެސް ތައްހާނު އެކަން ދޮގުކޮށް މިއަދު ބުނީ ޝަނޫޒަކީ ވަރަށް ގިނައިން އެނާގެ ގެއަށް ތަފާތު ގެއްލުންތައް ދެމުންދާ ކުއްޖެއް ކަމަށެވެ. އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކުކުޅު ކޮށިން، ކުކުޅު ވަގަށް ނަގަން ކޮށިތެރޭގައި އޮއްވައި ކޮށިން ނުނުކުމެވޭ ގޮތަށް ބަންދުކޮށް ފުލުހުންނަށް ރިޕޯޓް ކުރި ކަމަށް އޭނާ ބުންޏެވެ.
ތައްހާނު ބުނީ އެ މައްސަލައިގެ އިތުރު ތަހުގީގުތަކެއް އަދި ކުރިއަށް ނުގެންދާ ކަމަށާއި ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާ ހަތް ދުވަހަށް ގޭ ބަންދުކޮށްފައިވާ ކަމަށެވެ.