19 Aug 2014, 12:30
ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް މަރާލި ކަމަށް އެ ރަށު ރެޑްރޯސް މުހައްމަދު ނިޔާޒު ޝަރީއަތުގެ މަޖިލީހުގައި މިއަދު އިއުތިރާފުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ދައުވާ އިއްވުމުން ނިޔާޒު ވަނީ އެ ދައުވާއަށް އިއުތިރާފުވެ ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލުތައް ޝަރީއަތަށް ކިޔައިދީފަ އެވެ.
ނިޔާޒު ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ޝިހާމް އޭނާ ދިރިއުޅޭ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައި ދެ ފަހަރެއްގެ މަތިން ބައިސްކަލުގައި އޭނާ އެތަނަށް ދިޔަ ކަމަށެވެ. އެގޮތުން ފުރަތަމަ 6:45 ގައި އެތަނަށް ދިޔުމަށްފަހު އެނބުރި ގޮސް ދެވަނަ ފަހަރަށް 7:00 ގައި ދިޔައިރު ޝިހާމް ފޯނާ ކުޅެން އޮތް އިރު، އޭނަގެ ގަޔަށް ފޯނުގެ ލައިޓު އެޅިފައި ހުރި ކަމަށް ޝިހާމް ބުންޏެވެ.
އޭނާ ބުނީ ޝިހާމްގެ މެޔަށް ވަޅި ހެރީ މަރާލުމުގެ ގަސްދު އޮވެގެން ނޫން ކަމަށާއި އެއީ އޭނައަށް ހަމަލާދިނުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ. އަދި ހަމަލާދިނުމަށްފަހު އަވަސް އަވަހަށް އެތަނުން ދިޔަ ކަމަށް ވެސް ނިޔާޒު ބުންޏެވެ.
"އެއީ އަޅުގަނޑު ކުރި ކަމެއް. ހިތުގައި އޮތް ނަފްރަތެއް ސަބަބަބުން އަޅުގަނޑު އެ ހަމަލާ ދިނީ. ގޭގައި އޮތް ވަޅިއަކުން ހަމަލާދިނީ،" ދައުވާ އަށް ޖަވާބުދާރީވަމުން ނިޔާޒު ބުންޏެވެ.
ހަމަލާދިނުމަށްފަހު ގެއަށް ގޮސް މަންމަ ކައިރީގައި އެ ވާހަކަ ބުނި ކަމަށާއި އަދި އޭގެ އިތުރުން ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ގުޅައި އެކަން ކިޔައިދީފައިވާނެ ކަމަށް ވެސް ނިޔާޒު ބުންޏެވެ.
ނިޔާޒު ދައުވާ އަށް އިއުތިރާފުވި ނަމަވެސް އެކަމުގެ މައްޗަށް ބާރުދޭ ހެއްކާއި ގަރީނާ ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އެގޮތުން އޭނާގެ އާއިލާގެ ފަސް މީހެއްގެ ބަޔާނާއި ތުލުސްދޫގެ ތިން މީހެއްގެ ބަޔާން ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
"ދައުލަތުން މި ބަޔާންތައް ހުށަހެޅީ މުހައްމަދު ނިޔާޒުގެ އިއުތިރާފަށް އިތުރަށް ބާރުދޭ ހެއްކާ ގަރީނާގެ ގޮތުގައި،" ހެކި ހުށަހެޅުއްވުމަށްފަހު ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ މީހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސްނެގުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށްފައި ވަނީ ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ގަސްދުގައި މީހުން މެރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށާއި ނިޔާޒުގެ އިއުތިރާފު ބަޔާނުން އެކަން އެނގިގެންދާނެ ކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން ނިޔާޒު ބުނީ އެއީ ސައްޚަ ހެކިތަކެއް ކަމަށާއި އެއްވެސް ހެއްކަކާ މެދު އިންކާރު ނުކުރާ ކަމަށެވެ.
"[އަޅުގަނޑު] އިންކާރު ކުރާ ހެއްކެއް ނެތް. ހުރިހާ ހެއްކަކީ ވެސް ރަނގަޅު ހެކި،" ނިޔާޒު ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެދުވަހު އޮންނާނީ ޝިހާމްގެ ވާރިސުންގެ ބަޔާން ނެގުން ކަމަށެވެ.