އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން އެ ސްކީމް ތައާރަފް ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަން އިޔާޒް ވަހީދު ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ ފުރުސަތަކީ އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުޅުވިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެ ސްކީމްގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމަށް އެދޭކަމަށް އިޔާޒް ވިދާޅުވި އެވެ.

އެ ހަފްލާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު ވިދާޅުވީ އަމިއްލަ ވަޒީފާ އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސަބްސިޑީއެއް ދިނުމަށް ވެސް ނިންމާފައި ވާކަމަށެވެ.

އެގޮތުން އަމިއްލަ ފަރާތަކުން ޕެންޝަން ސްކީމްގައި ބައިވެރިވުމަށް އެކައުންޓެއް ހުޅުވުމުން ސަރުކާރުން 2000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ނިންމާފައި ވާއިރު އެމީހަކު އެ ފަންޑަށް ކޮންޓްރިބިއުޓް ކުރާ އަދަދެއްގެ 25 ޕަސެންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކީމުން ލިބޭ ފައިދާތައް ލިބޭއިރު އަމިއްލައަށް ސްކީމްގައި ބައިވެރިވާ ފަރާތްތަކާއި ކުންފުނިތަކުން ބައިވެރިވާ ފަރާތްތަކާ މެދު އެއްވެސް ވަރަކަށް ތަފާތެއް ނުހުންނާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، އެ ސްކީމްގައި ބައިވެރިވާ ފަރާތްތަކުން އެ ފަންޑަށް ފައިސާ ދައްކަންޖެހޭ ވަކި އަދަދެއް ކަނޑަނާޅާ ކަމަށެވެ.

"އުސޫލް އޮތްގޮތަށް އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުން މި ފަންޑަށް އެންމެ ގިނައިން ފައިސާދެއްކޭނީ ސަރުކާރުން އެންމެ ބޮޑު މުސާރައެއް ލިބޭ ފަރާތަކުން ޕެންޝަން ފަންޑަށް ދައްކާވަރަށް. އަދި ފަންޑަށް އެންމެ މަދުން ދެއްކޭނީ ސަރުކާރުގެ އެންމެ ދަށް މުސާރަލިބޭ މުވައްޒަފުން ފަންޑަށް ދައްކާވަރަށް،" މަނިކު ވިދާޅުވި އެވެ.

މިއަދު ބޭއްވި ހަފްލާގައި ވަނީ އަމިއްލައަށް ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ހުޅުވާލި ސްކީމްގައި ފުރަތަމަ ބައިވެރިވި ފަސް ފަރާތަށް ހަދާނީ ފިލާ ދީފައެވެ.

ޕެންޝަން އޮފީހުން ބުނީ އެ ސްކީމްގައި ބައިވެރިވުމަށް އެދެންޖެހޭ ފޯމްތައް ޕެންޝަން އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.