ފަލަމަސްގަނޑުގައި ފޮރުވައިގެން، ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރި މީހާގެ މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.

'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 23 އަހަރުގެ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ޕޮލިސް އިންޓެލިޖެންސާއި އައްޑޫ ސިޓީ ގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ޖުލައި 16 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 23 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ 12:30 ހާއިރު އެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީއަށް ގިނަ އަދަދެއްގެ މަސްތުވާތުވާތަކެތި އެތެރެ ކޮށްފައި ވަނީ އޭނާގެ ދެ ފައިގެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެން ކަމަށެވެ. އޭނާގެ ފަލަމަސްގަނޑުގައި ބަނދެގެން އައްޑުއަށް އެތެރެ ކުރި މަސްތުވާތަކެތި ކޮކެއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.