19 Aug 2014, 12:18
ކްރިމިނަލް ކޯޓުގައި ޕީޖީންކޮށްފައިވާ ދައުވާއެއްގެ ޝަރީއަތުގައި ވަކާލާތު ކުރުމަށް ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) މުހުތާޒު މުހުސިން ކްރިމިނަލް ކޯޓަށް ވަޑައިގެންނަވައިފި އެވެ.
އެމަނިކުފާނު ކޯޓަށް ވަޑައިގެންނެވީ ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް މަރާލިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ ތުލުސްދޫ، ރެޑްރޯސް، މުހައްމަދު ނިޔާޒު 35އާ ދެކޮޅަށް ވަކާލާތު ކުރެއްވުމަށެވެ. ޕީޖީ މުހުތާޒު ވަކާލަތު ކުރައްވާ ތުލުސްދޫ މަރުގެ މައްސަލައަކީ، ހާދިސާ ހިނގިތާ އެއް މަސް ނުވަނީސް ޝަރީއަތް ފަށާފައިވާ މައްސަލައެކެވެ.
ޖިނާއީ މައްސަލައެއްގައި ވަކާލާތު ކުރެއްވުމަށް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ޕީޖީ މުހުތާޒު މިއަދު ކޯޓަށް ވަޑައިގެންނެވިއިރު މީގެ ކުރިން އެ މަގާމު ފުރުއްވެވި ބޭފުޅަކު ކޯޓަށް ވަޑައިގެންފައެއް ނުވެ އެވެ.
ރޯދަ ވީއްލައިގެން ސިނގިރެޓެއް ބޯލަން ޖޯލިފައްޗެއްގައި އޮއްވައި ޝިހާމް މެޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށުގެ ދައުވާ ކުރާ މީހާގެ މައްޗަށް ކޯޓުގައިކޮށްފައިވާ ޝަރީއަތް ފެށީ މިއަދު މެންދުރު 12:00 ގަ އެވެ.
ތުލުސްދޫގައި ޝީހާމް ދިރިއުޅޭ ގެއާދިމާލު އަތިރިތިމަރީ ޖޯއްޔެއްގައި އޮއްވައި އޭނާއަށް މަރުގެ ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ނިޔާޒު މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
ޝިހާމް މަރާލިތާ ހަތް ދުވަސްވީ ދުވަހު ފުލުހުން ވަނީ ތަހުގީގު ނިންމައި އޭނާ މަރާލި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް ފޮނުވާފަ އެވެ. އެ އޮފީހަށް އެ މައްސަލަ ހުށަހަޅިތާ ހަތަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާފައިވާއިރު، ކޯޓުން އެ މައްސަލައިގެ ޝަރީއަތް ފެށީ ނުވަ ދުވަސް ފަހުންނެވެ. ޝިހާމް މަރާލިތާ މިއަދަށް 20 ދުވަސްވީ އެވެ.