މިނިސްޓްރީން އަބަދު ވެސް މަސައްކަތް ކުރާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމަނައިގެން ހުރިހާ ކުދިން ޝާމިލުވާ ތައުލީމެއް ފޯރުކޮށްދޭން ކަމަށާއި އެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ވަސަޑާ ޔުނިވާސިޓީ އާއި ޔުނެސްކޯ ގުޅިގެން ރާއްޖޭގައި ހަދައިފައިވާ އިންކްލޫސިވް އެޑިއުކޭޝަން ދިރާސާގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ސެމިނާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމުން އެއްވެސް ކުއްޖެއް ބާކީވުމަކީ މިނިސްޓްރީ އެދޭގޮތް ނޫން ކަމަށާއި، ސަރުކާރުގެ އެކި ޕޮލިސީތަކުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް ހިމަނައިގެން ތައުލީމު ފޯރުކޮށްދޭން އެ މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ގެންދަނީ އެކަމަށް ބޭނުންވާނެ އެކި މަގުތަށް އަލިކޮށް ތަފާތު ގޮތްތައް ހޯދަމުން. ބޭނުމަކީ ކޮންމެ ކުއްޖަކީ ވެސް ތައުލީމު ލިބިގެންވާ ކުއްޖަކަށް ހެދުން. އެކަމަށް މިނިސްޓްރީ މިއޮތީ ތައްޔާރަށް. އެކި ގޮތްތަށް ހޯދައިގެން، މުއައްސަސާތަކާ ގުޅިގެން އެކަން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ހާއްސަކޮށް އެ މިނިސްޓްރީން އުފައްދާފައިވާ އިންކްލޫސިވް އެޑިއުކޭޝަން ކޮމިޓީ ވެސް އޮތީ ތައްޔާރަށް ކަމަށާއި ރަނގަޅު އިންތިޒާމެއްގެ ދަށުން ޚިދުމަތް ދިނުމަށް އިސްކަން ދިނުމަށް ބާރުއަޅާ ކަމަށެވެ. އަދި އަތޮޅުތަކުގައި އެފަދަ ތައުލީމަށް ބޭނުންވާ ކުދިންނަށް އެކަށީގެންވާ ގޮތަށް އެ ޚިދުމަތް ދިނުމަށް އަތޮޅުތަކުގައި އިންޓަވެންޝަން ޔުނިޓްތަށް ގާއިމްކުރެވިފައިވާ ކަމަށާއި އޭގެ ބޭނުމަކީ ތައުލީމުން ބާކީވާ ކުދިންނަށް އެކަން ހަނިކޮށް ތައުލީމުގެ ފުރުސަތު ބޮޑުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އެފަދަ އިތުރު ޔުނިޓްތައް ގާއިމްކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އަންނަ އަހަރު ކުޑަކުދިންގެ ތައުލީމާ ބެހޭ އެކިއެކި އެކްސްޕާޓުންނާ އެކު ހާއްސަ ތައުލީމަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށް ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރު ވިދާޅުވި އެވެ.