ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ އަވަހަށް ހޯދުމަށް މަސައްކަތް ކުރުމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އެޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޟުވާނު ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރުމަށް ރާއްޖޭގެ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

"... 10 ދުވަސް ކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާންއާ މެދު ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަރަށް ބޮޑަށް ކަންބޮޑުވެ އެވެ. އޭނާ ހޯދުމަށް ޓަކައި ބޭނުންކުރަން ޖެހޭ ކޮންމެ ވަސީލަތެއް ބޭނުންކުރުމަށް ދިވެހިރާއްޖޭގެ އޮތޯރިޓީތަކަށް ގޮވާލަމަވެ،" ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ރިޟުވާނު ގެއްލުމަކީ ކަންބޮޑުވާން ޖެހޭ ހުރިހާ ސަބަބެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ގޭންގްތަކާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންގެ ނުރައްކާ ނޫސްވެރިންނަށް އޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

"...ރިޟުވާނާ މެދު ކަންބޮޑުވާން ޖެހޭ ހުރިހާ ސަބަބެއް އެބަ އޮތެވެ. ނޫސްވެރިންނަށް ދޭ ހަމަލާތަކަކީ ގިނަ ފަހަރު ގޭންގްތަކާއި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ޒިންމާވާ ކަންކަމަށްވެ އެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި މިނިވަން ނޫހާ ހަވާލާދީ ބުނެފައި ވަނީ މިހާތަނަށް ލިބެން ހުރި ހެކިތަކުން އެނގޭ ގޮތުގައި ރިޟުވާން ވަނީ ވަގަށް ނަގާފައި ކަން އެނގޭ ކަމަށެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލިގެން ހޯދަން ފެށީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އާދީއްތަ ދުވަހު ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.