19 Aug 2014, 11:11
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލިފައިވާ މައްސަލަ އަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދީގެން ބެލުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރިޟްވާން ގެއްލުނު ފަހުން ސަރުކާރުން މިހާތަނަށް މާބޮޑު މަސައްކަތްތަކެއްކޮށްފައި ނުވާ ކަމަށާއި އަދި ތަހްގީގު ހިނގާފައިވާ މިންވަރު ވެސް "ސީއަރިއަސް ސިފައެއްގައި" ރައްޔިތުންނާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
"ރިޟްވާން ގެއްލިގެން ރިޕޯޓްކުރެވުނު ފަހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތާއި ތަހްގީގު ކުރިއަށްދާ މިންވަރުގެ މައުލޫމާތު ވެސް ސީއަރިއަސް ސިފައެއްގައި ސަރުކާރުން ރައްޔިތުންނާ ހިއްސާ ކުރައްވާތަން ނުފެންނާތީ މި ކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުންގެ އޮތް ހިނދު އަދި ވަކިން ހާއްސަކޮން މިކަމުގެ ސަބަބުން މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަމުންދާ ނޫސްވެރިންނާއި އޭނާގެ އާއިލާ އަށް ނުތަވަސްކަން އޮތް ހިނދު މިނިވަން ނޫހުގެ ރިޕޯޓަރު ރިޟްވާން ހޯދުމުގެ މަސައްކަތަށް ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" އިމްތިޔާޒްގެ ހުށަހަޅާފައިވާ ބަޔާނުގައިވެ އެވެ.
ޒުވާނުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާ ކަމުގެ މައޫލުމާތު މީގެ ކުރިން ވެސް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް އިމްތިޔާޒް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގަ ވަނީ ފާހަގަ ކޮށްފަ އެވެ.
މި ގަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ 51 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ގަރާރު ބަލައިގަތުމާ ދެކޮޅަށް ވޯޓް ދެއްވާފައި ވަނީ އެއް މެމްބަރެކެވެ.
އިމްތިޔާޒް ވިދާޅުވީ ރިޟްވާން ގެއްލިފައިވާ މައްސަލާގައި ގަރާރެއް މަޖިލީހަށް އިއްޔެ ހުށަހެޅި ފަހުން އޭނާ އަށް ވެސް މަރުގެ އިންޒާރުގެ މެސެޖެއް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންގެ އިތުރު މަޖިލިސް މެމްބަރުނަށް ވެސް ސަލާމަތްތެރިކަމެއް ނެތް ކަމަށެވެ.
ކުއްލި މައްސަލައާ މެދު ބަހުސް ކުރުމަށް މިހާރު ވަނީ މެމްބަރުނަށް ހުޅުވާލާފަ އެވެ.