19 Aug 2014, 10:54
ޕޯޗުގަލްގެ ސްޕޯޓިންގްއަށް ކުޅޭ އާޖެންޓީނާ ޑިފެންޑަރު މާކޮސް ރޮޖޯ މެންޗެސްޓާ ޔުނައިޓެޑަށް ގުޅިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ރޮޖޯއަށް 20 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން އިއްޔެ ބުނަމުން ދިޔަ އެވެ. ޔުނައިޓެޑާއެކު އެއްބަސްވުމަކާ ހަމައަށް އާދެވުނު ކަމަށް ރޮޖޯ ބުނި ނަމަވެސް، އެ ކްލަބުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
"މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިއަކަށްވުމަކީ ހުވަފެނެއް ފަދަ ކަމެއް،" 'އާޖެންޓީނާ ރޭޑިއޯ ކޮންޓެނިންޓަލް'އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "ސްޕޯޓިންގުން ވަކިވެގެން ދިއުމަކީ ފަސޭހަ ކަމަކަށް ނުވި."
މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޮޖޯ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުމުރުން 24 އަހަރުގެ ރޮޖޯ ވަނީ އެ މުބާރާތުގެ ފައިނަލުގައި ޖަރުމަން އަތުން ބަލިވި މެޗުގައި ވެސް ކުޅެފަ އެވެ. އޭނާ އެ މުބާރާތުގެ މޮޅު ކުޅުމާ ގުޅިގެން ފީފާ ވޯލްޑް ކަޕް އޯލް ސްޓާ ޓީމުގައި އޭނާ ވަނީ ހިމެނިފަ އެވެ.
ސްޕާޓަކް މޮސްކޯއިން 2012 ވަނަ ސްޕޯޓިންގްއާ ގުޅުމަށް ފަހު، އެ ކްލަބަށް ރޮޖޯ 60 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ސްޕޯޓިންގްއަށް ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.