19 Aug 2014, 10:43
ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް މަރާލިތާ މަހެއް ނުވަނީސް އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.
ރޯދަ ވީއްލައިގެން ސިނގިރެޓެއް ބޯލަން ޖޯލިފައްޗެއްގައި އޮއްވައި ޝިހާމް މެޔަށް ވަޅި މަރާލި ކަމުގެ ކުށުގެ ދައުވާ ކުރާ މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަނީ މިއަދު މެންދުރު 12:00 އެވެ.
ތުލުސްދޫގައި ޝީހާމް ދިރިއުޅޭ ގެއާދިމާލު އަތިރިތިމަރީ ޖޯއްޔެއްގައި އޮއްވައި އޭނާއަށް މަރުގެ ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ރެޑްރޯސް، މުހައްމަދުނިޔާޒު 35، އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
ޝިހާމް މަރާލިތާ ހަތް ދުވަސްވީ ދުވަހު ފުލުހުން ވަނީ ތަހުގީގު ނިންމައި އޭނާ މަރާލި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް ފޮނުވާފަ އެވެ. އެ އޮފީހަށް އެ މައްސަލަ ހުށަހަޅިތާ ހަތަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާފައިވާއިރު، ކޯޓުން އެ މައްސަލައިގެ ޝަރީއަތް ފެށީ ނުވަ ދުވަސް ފަހުންނެވެ. ޝިހާމް މަރާލިތާ މިއަދަށް 20 ދުވަސްވީ އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ވަނީ ޝިހާމް މަރާލާފައި ވަނީ ނިޔާޒުގެ މައްޗަށް އޭނާ ވައްކަމުގެ ތުހުމަތުތަކެއް ކޮށްފައި ވާތީ އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ކަމަށާއި ތަހުގީގުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަރުގެ މައްސަލަތައް ކޯޓަށް ހުށަހަޅާފައި އެބަހުއްޓެވެ. އެގޮތުން ފިރިމީހާ މަރާލި ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ ޝަރީއަތް ވެސް ވަނީ ހާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް ފަށައިފަ އެވެ. އަދި ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލި ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން ވަނީ ޝަރީއަތް ފަށައިފަ އެވެ